× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އިމްރާން: ރަގަޅު ލީޑަރެއް، ރިޕްލޭސް ކުރަން އުނދަގޫވާނެ

15 އޮކްޓޯބަރ 2016

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު ގައުމީ ޓީމުން ރިޓަޔާ ކުރުމާއިއެކު މިއީ ދިވެހި ފުޓްބޯޅައަށް ހިތާމަތެރި ދުވަހެކެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކޮންމެ ކުޅުންތެރިއަކުވެސް ގައުމީ ޓީމަށާއި އަދި ކްލަބަށް ކުޅުން ހުއްޓާލާނެ ދުވަހެއް އަންނާނެކަމެވެ. އެގޮތުން 12 އޮކްޓޯބަރ 2016 ވަނަ ދުވަހަކީ ގޯލްކީޕަރ އިމްރާން މުހައްމަދު ގައުމީ ޓީމުން ރިޓަޔާ ކުރި ކަން އިއުލާން ކުރި ދުވަހެވެ.

ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާން ކުރަމުން އުމުރުން 36 އަހަރުގެ އިމްރާން މުހައްމަދު އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ވާހަކަތަކުގެ ތެރެއިން އަޅުގަނޑު އެއް ކަމެއް ފާހަގަކޮށްލާނަމަވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލައި ޒުވާން ކުޅުންތެރިންނަށް އެފުރުސަތު ދިނުމަށް މިއީ އަހަރެންނަށް އެންމެ ރަގަޅު ވަގުތު. މިވަގުތު ތިބި ޒުވާން ކީޕަރުންނަކީ އަހަރެން ވަރަށް އިތުބާރު ކުރާ އަދި އެމީހުންނަށް އެކަން ވާނެ ކަމާއިމެދު އަހަރެއް ޝައްކެތްވެސް ނުކުރަން." އިމްރާންގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ އިމްރާން ޒުވާން ކުޅުންތެރިންނަށް އިންތިހާއަށް އިތުބާރު ކުރާއިރު ރާއްޖޭގައި މޮޅު ޒުވާން ކުޅުންތެރިންތަކެއް ތިބިކަން އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ. ނަމަވެސް ސުވާލަކީ އިމްރާން ދަތުރު ކުރި މަގުން އެކުޅުންތެރިންނަށް ދެވިދާނެތޯ؟ ދަނޑު މަތީގަ އާއި ދަނޑުން ބޭރުގައިވެސް އެއީ އަހުލާގު ރަގަޅު ކުޅުންތެރިއެއް އަދި ލީޑަރެއް ވެސްމެއެވެ.

ވިކްޓަރީގައި އިމްރާން އާއިއެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ މައުރޫފް އަހުމަދު (މާއްޓޭ) ބުނެފައިވާ ގޮތުގައި އިމްރާންގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ އަހުލާގާއި ކަމަށް ކަމޭ ހިތުމުގެ އިތުރުން އޭނާ އެކަމަށް ބަހައްޓާ ޝައުގުވެރިކަމެވެ.

"ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެފައިވާ ކުޅުންތެރިއަކަށް އެންމެ އުނދަގޫ ކަމަކަށްވާނީ މިފަދަ ނިންމުމެއް ނިންމަން. ކޯޗެއްގެ ގޮތުގައި އިމްރާން އާއި އެކު މަސައްކަތް ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ ދިވެހި ފުޓްބޯޅައަށް އިމްރާން ކޮށްދިން މަސައްކަތްތަކާއިމެދު ފަހުރުވެރިވަން. މިހާ ގިނަ ދުވަހު ތި މަގާމުގައި ދެމި ހުރެވުނީ މިކަމަށް ބެހެއްޓި ޝައުގުވެރިކަމާއި ކަމަށް ކަމޭ ހިތުމުގެ އިތުރުން ރަގަޅު އަހުލާގު. އިމްރާން އަކީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ހުރި ރަގަޅު މިސާލެއް." މާއްޓޭ ބުނެފައިވެއެވެ.

ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި ގައުމީ ޓީމަށް 111 މެޗް ކުޅެދީފައިވާއިރު އިމްރާން ވަނީ އޭޝިޔާގެ ގަދަ ބާރެއް ކަމުގައިވާ ދެކުނު ކޮރެއާ އާއި ރާއްޖެ އެއްވަރު ކުރި މެޗްގެ އިތުރުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރި އިރު ދިވެހި ގޯލު ބަލަހައްޓާފައިވަނީ އިމްރާން އެވެ. މީގެ އިތުރުން 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ރާއްޖެއިން ހޯދި ޓީމުގައިވެސް އިމްރާންގެ ހިއްސާ ބޮޑެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވަނީ އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ފުޓްބޯޅަ އާއި ދުރަށް ނުދިއުމަށް އެދިފައެވެ.

"އިމްރާން އަކީ ދިވެހި ފުޓްބޯޅައިގެ ބަތަލެއް އެހެންކަމުން އިމްރާންގެ އެހީތެރިކަމަކީ ގައުމީ ޓީމަށް ނުހަނު މުހިންމު އަދި ބޭނުންތެރި އެހީއެއް. އަދި އަހަރެން އުންމީދު ކުރަނީ އެފްއޭއެމް އިން އިމްރާންގެ އެހީތެރިކަން ހޯދާނެ ކަމަށް. ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އިމްރާން ފަދަ މީހުންގެ އެހީތެރިކަން ބޭނުންވާނެ."

ފާއިތުވެދިޔަ 16 ވަރަކަށް އަހަރުގެ ތެރޭގައި އިމްރާންވަނ ކްލަބް އީގަލްސް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ވީބީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް އަދި މާޒިޔާއަށް ކުޅެފައެވެ. އަދި މިމުއްދަތުގެ ތެރޭގައި އޭނާވަނީ ދިވެހި ފުޓްބޯޅައިގެ ހުރިހާ މެޑަލްތަކެއް ހޯދާފައެވެ.

Copyright © 2024 Maldives Football