ނޯމަލައިޒިން ކޮމިޓީއަށް މެމްބަރުން ނަގަންވާނީ އިހުލާސްތެރިކަމަށް ބެލުމަށްފަހު: އާޒިމް
27 ޖުލައި 2024
މާލެ, ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލުކުރުމަށް ފީފާއިން ނިންމާފައިވާއިރު, އެ ކޮމިޓީއަށް މެމްބަރުން ނަގަންވާނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއިއެކު މަސައްކަތް ކުރާނެ މެމްބަރުންތަކެއް ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވެފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ހަމަޖައްސާފައިވާކަން ނުރަސްމީކޮށް މީޑިިޔާތަކަށް ތިލަވެފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ފާއިތުވެދިޔަ ތަނުގައި ފުޓްބޯޅައަށް މައްސަލަތަކާއި ކުރިމަތިވެފައިވަނީ މިފަދަ ނިންމުންތަކުގެ ސަބަބުން ކަމަށާއި އެގޮތުން ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރުމުގައި ގައުމީ މަސްލަހަތުގެ ބަދަލުގައި އަމިއްލަ މަސްލަހަތު އިސްކޮށްފައިވާ ކަމަށެވެ. އަދި މިއީ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް އެފްެއޭމް ގެންދިއުމަށް ފީފާއިން ނިންމުމާއި ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނޯމަލައިޒިން ކޮމިޓީ އެކުލެވިގެންދާނީ ވަކިން ހާއްސަކޮށް ގާނޫނީ، މާލީ އަދި ފުޓްބޯޅައާ ގުޅުންހުރި އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ ގޮތުން، ނޯމަލައިޒިން ކޮމިޓީ ތިބޭނެ މެމްބަރުންގެ އަދަދު ކަނޑައަޅައި، މެމްބަރުންގެ ނަންތައް ފައިނަލްކުރަން ނިންމާފައިވަނީ ފީފާ އާއި އޭއެފްސީ ގުޅިގެންނެވެ.