ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޖަނާހު ހަމަޖައްސައިިފި
27 ޖުލައި 2024
މާލެ, ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒްކޮށް, ނޯމަލައިޒޭޝަން ކޮމިޓީ އަކާއި އެފްއޭއެމްގެ ހިންގުން ހަވާލު ކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމާފައިވާއިރު އެ ކޮމިޓީގެ ޗެއާމަނަކަށް ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް (ޖަނާ) ހަމަޖައްސައިފި އެވެ.
ނޯމަލައިޒިން ކޮމިޓީގެ ހުރިހާ މެމްބަރުން އަދި ރަސްމީކޮށް ފައިނަލް ކޮށްފައިނުވި ނަމަވެސް ކޮމިޓީގެ ޗެއާމަނަކަށް ޖަނާ ހަމަޖައްސާފައިވާކަން މޯލްޑިވްސްފުޓްބޯލްއަށް ވަނީ ކަށަވަރުވެފައެވެ. އަދި ކޮމިޓީގައި އިތުރަށް ހިމެނޭ މެމްބަރުންގެ ނަންތައް ފީފާއިން ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ފައިނަލްކޮށް އިއުލާން ކުރާނެ އެވެ.
2022 ވަނަ އަހަރުގެ ވޯލްޑްކަޕާއި އެކު ފީފާގެ ރައީސް އިންފަންޓީނޯ އާޢި ގަތަރާޢި ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ޖަނާ އިންފަންޓީނޯ އަށް ތައާރަފްވެފައިވަނީ ގަތަރުގެ ވިޔަފާރިވެރިންގެ ފަރާތުންނެވެ. އެގޮތުން ގަތަރުގެ ޝާހީ އާއިލާގެ މެމްބަރުން ތަކެއް ރާއްޖޭގައި ހިންގާ ވަލްޑޯފް އެސްޓޯރިޔާ އަކީ ޖަނާ އާއި ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ ކުންފުންޏެކެވެ.
ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް އެފްެއޭމް ގެންދިއުމަށް ފީފާއިން ނިންމުމާއި ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނޯމަލައިޒިން ކޮމިޓީ އެކުލެވިގެންދާނީ ވަކިން ހާއްސަކޮށް ގާނޫނީ، މާލީ އަދި ފުޓްބޯޅައާ ގުޅުންހުރި އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ ގޮތުން، ނޯމަލައިޒިން ކޮމިޓީ ތިބޭނެ މެމްބަރުންގެ އަދަދު ކަނޑައަޅައި، މެމްބަރުންގެ ނަންތައް ފައިނަލްކުރަން ނިންމާފައިވަނީ ފީފާ އާއި އޭއެފްސީ ގުޅިގެންނެވެ.
ތިންވަނަ ފަހަރަށް ފީފާއިން އެފްއޭއެމް ނޯމަލައިޒް ކުރާއިރު, 2008 ވަނަ އަހަރު ނެގި ކޮމިޓީގެ ރައީސަކީ އަހުމަދު ޝާހިރު އެވެ. ދެން އެ ކޮމިޓީގައި ހިމެނުނީ، ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު، އިބްރާހީމް އާމިރުގެ އިތުރުން، އަހުމަދު ހަފީޒް, އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް އަދި އަހުމަދު އިގުބާލް އެވެ.
އަދި އޭގެ ފަހުން، 2013 ވަނަ އަހަރު އެފްއޭއެމް ނޯމަލައިޒްކުރިއިރު، ފީފާ އިން ކަނޑައެޅި ފަސް މެމްބަރުންގެ ކޮމިޓީގައި ހިމެނެނީ ޗެއާމަނެއްގެ ގޮތުގައި، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް، މުހައްމަދު ޝަވީދު، ޑެޕިއުޓީ ޗެއާމަނަކަށް، އަބްދުލްހަމީދު އަބްދުލްގަފޫރު، އަދި މެމްބަރުންގެ ގޮތުގައި، މުހައްމަދު ނިޒާމް، އަލީ އުމަރު އަދި ފަސީހު ޒާހިރު އެވެ.
ފީފާއިން އެފްއޭއެމް ނޯމަލައިޒް ކޮށްފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވުމުގެ ކުރިން އިންތިޚާބެއް ނުބޭއްވި އެފްއޭއެމްގެ ތެރޭގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކަންތައްތައް ހިނގަމުންދާކަމަށް ބުނެ ބައްސާމް 9 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށްފަހުގައެވެ.