ފީފާ ރޭންކިންގައި ރާއްޖެއަށް ބޮޑު ވެއްޓުމެއް
20 ޖުލައި 2024
މާލެ, ދިވެހިރާއްޖެ - ފާއިތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފީފާ ރޭންކިންގައި ރާއްޖެ 163 އަށް ވެއްޓިއްޖެ އެވެ.
ޖުލައި 2024 ގެ ރޭންކިން ފީފާއިން އިއުލާން ކުރިއިރު, ރާއްޖެއަށް 163 ވަނަ ލިބިފައިވަނީ 2024 ވަނަ އަހަރު އެއްވެސް މެޗެއް ނުކުޅެ ލިބިފައިވާ 1003.58 ޕޮއިންޓުންނެވެ. މިއީ އެންމެ ފަހުން އިއުލާން ކުރި ރޭންކިންއަށްވުރެ ތިން ދަރަޖަ ދަށް ރޭންކިންއެކެވެ.
ފީފާ ރޭންކިންގައި ރާއްޖެ މިހާތަނަށް އެންމެ ދަށަށް ގޮސްފައިވަނީ 183 ވަނަ އަށެވެ. އެއީ 1997 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ. އޭގެ ފަހުން ރޭންކިންގައި ރަގަޅު ކާމިޔާބީއެއް ހޯދުމަށްފަހު ރާއްޖެއިން ވަނީ 2006 ވަނަ އަހަރުގެ ޖުލައި މަހު 126 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. މިއީ ރޭންކިންގައި ރާއްޖެއަށް ލިބިފައިވާ އެންމެ ރަގަޅު ދަރަޖައެވެ.
ރޭންކިންގައި ރާއްޖެ ދަށަށް ދިޔަ ނަމަވެސް ސާކް ސަރަހައްދުގައި އަދިވެސް ރާއްޖެ އޮތީ ވަރުގަދަ އިންޑިޔާގެ ފަހަތުން ދެވަނައިގައެވެ. އިންޑިޔާ 124 ވަނައިގައި އޮތްއިރު ރާއްޖޭގެ ފަހަތުން ތިންވަނައިގައި އޮތީ 175 ވަނައިގައި އޮތް ނޭޕާލްއެވެ.
1992 ވަނަ އަހަރުން ފެށިގެން ފީފާއިން އިއުލާން ކުރަމުން އަންނަ ރޭންކިންގައި ރާއްޖެއިން ވަނީ އެވްރެޖްކޮށް 155 ވަނަ މަގާމް ހޯދާފައެވެ.
ރޭންކިންގައި ރާއްޖެ ސޮއްސާލާފައިވާއިރު, ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އޮތީ ބޮޑު ކަންތައް ގަނޑެއްގެ ތެރޭގައެވެ. ފާއިތުވެދިޔަ ދެ ދައުރުގައި އެފްއޭއެމްގެ ރައީސްކަން ކުރެއްވި ބައްސާމް އަދީލް ޖަލީލް އާއި ގުޅޭ މައްސަލަތަކެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ތަހުގީގު ކުރަން ފެށުމާއި ގުޅިގެން ފީފާއިން ވަނީ އިންވެސްޓިގޭޝަނެއް ހިންގާ ބައްސާމް 9 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. އަދި ސަސްޕެންޝަނުގައި ހުންނަވަނިކޮށް ބައްސާމްގެ ދައުރު ހަމަވުމާއި ގުޅިގެން އެފްއޭއެމްގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތައް މިހާރު ކުރަމުންދަނީ ޖެނެރަލް ސެކްރެޓަރީ ޖައުޝަން އެވެ.
ފީފާއިން 20 ޖޫން 2024 ގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިވަން އެތިކްސް ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ 86 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި މި ނިންމުމަކީ މަނީ ލޯންޑަރ ކުރުމާއި ކޮރަޕްޝަނާއި އަދި ޖިނާއީ އިތުރު ކުށްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އަމުރެއްގެ ދަށުން އެފްއޭއެމް ހައުސް ބަލާ ފާސްކުރުމާއި ގުޅިގެން ފީފާއިން ކުރެވުނު ތަހުގީގުގެ މައްޗަށް ބެލުމަށްފަހުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އަދީ ފީފާއިން ހިންގި ތަހުގީގުން ނުރަގަޅު ކަންތައްތަކެއް ހިންގާފައިވާކަން ފާހަގަ ކުރެވޭތީ އެކަންތައް ބެލުމަށް އިތުރަށް ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ތަހުގީގަކީ އެފްއޭއެމްގެ ރައީސްގެ ގޮތުގައި ހުރެ އެހެނިހެން ފަރާތްތަކުން ހަދިޔާ ލިބިފައިވޭތޯ ބެލުމާއި އަދި އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލުމަށް ކުރިއަށް ގެންދާ ތަހުގީގެއް ކަމަށްވެސް ވަނީ ބުނެފައެވެ.