ބައްސާމް ސަސްޕެންޑް, ދެން ވާނީ ކިހިނެއް!
21 ޖޫން 2024
މާލެ, ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ ސީރިއަސް މައްސަލަތަކެއް ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން ބަލަމުންގެންދާތީ 9 މަސް ދުވަހަށް ފީފާއިން ވަނީ ބައްސާމް އިއްޔެ ސަސްޕެންޑްކޮށްފަ އެވެ.
ފީފާއިން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިވަން އެތިކްސް ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ 86 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި މި ނިންމުމަކީ މަނީ ލޯންޑަރ ކުރުމާއި ކޮރަޕްޝަނާއި އަދި ޖިނާއީ އިތުރު ކުށްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އަމުރެއްގެ ދަށުން އެފްއޭއެމް ހައުސް ބަލާ ފާސްކުރުމާއި ގުޅިގެން ފީފާއިން ކުރެވުނު ތަހުގީގުގެ މައްޗަށް ބެލުމަށްފަހުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އަދީ ފީފާއިން ހިންގި ތަހުގީގުން ނުރަގަޅު ކަންތައްތަކެއް ހިންގާފައިވާކަން ފާހަގަ ކުރެވޭތީ އެކަންތައް އިތުރަށް ބެލުމަށް ނިންމާފައިވާ ކަމަށެވެ. މި ތަހުގީގަކީ އެފްއޭއެމްގެ ރައީސްގެ ގޮތުގައި ހުރެ އެހެނިހެން ފަރާތްތަކުން ހަދިޔާ ލިބިފައިވޭތޯ އަދި އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލުމަށް ކުރިއަށް ގެންދާ ތަހުގީގެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ސަސްޕެންޝަނާއިއެކު ދެންވާނީ ކިހިނެއް!
އެފްއޭއެމްގެ ރައިސް ބައްސާމް 9 މަސް ދުވަހަށް ފީފާ އިން ސަސްޕެންޑް ކުރުމާއިއެކު ހަމަ ޔަގީނުންވެސް ކަންތައްތަކެއް ބަދަލުވެގެންދާނެ އެވެ. ފުރަތަމަ ކަމަކީ އެފަދަ ސަސްޕެންޝަނެއް އަންނާނީ ކޮންމެވެސް ވަރެއްގެ ކަންތައްތަކެއް ފީފާގެ ތަހުގީގަށް ފާހަގަ ކުރެވުމުން ކަމާއިމެދު ޝައްކެއް ނެތެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމުގައި ދެވަނަ ދައުރެއް އަދާ ކުރަމުންދާއިރު ބައްސާމްގެ ދައުރު އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހަށް ހަމަވާނެ އެވެ.
ދެ ފަހަރެއްގެ މަތިން މީގެ ކުރިން އެފްއޭއެމް އިން ވަނީ އެ އިދާރާގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ފަހަރު އިންތިޚާބަށް އިއުލާން ކުރުމުން އިންތިޚާބުގައި ވާދަކުރި އަހުމަދު ތޯރިގު އާއި މުވާވިޒް ހާޝިމް އަށް ކްލަބް ވެލެންސިއާގެ ތާއިދު ސިޓީ ދީފައިވާތީ ކުރިމަތިވި މައްސަލަތަކަށްފަހު ދެވަނަ ފަހަރަށް އިންތިޚާބަށް އިއުލާން ކުރުމުން ބައްސާމްވެސް ވަނީ އިންތިޚާބުގައި ވާދަކުރަން ފޯމު ހުށައަޅާފަ އެވެ. އަދި އެއަށްފަހު އިންތިޚާބެއް ބޭއްވުމަށް އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ކަންތައްތައް ފުރިހަމަނުވާކަމަށް ބުނެ ފީފާއިން ވަނީ އިންތިޚާބު ކުރިއަށް ގެންދިއުން މަޑުޖައްސާފައެވެ.
އެހެންކަމުން ޖުލައި މަހުގެ 2 ވަނަ ދުވަހަށް ބައްސާމްގެ ދައުރު ނިމޭއިރު, އެންމެ ބޮޑަށް ގަބޫލުކުރެވެނީ އެފްއޭއެމްގައި މިހާރު ހުރި ގިނަ މައްސަލަތައް ހައްލުކޮށް އަލުން އިންތިޚާބެއް ބޭއްވުމާއި ހަމަށް ފީފާއިން އެފްއޭއެމް ނޯމަލައިޒްކޮށް, ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށުން އެފްއޭއެމްގެ ހިންގުން އަލަށް އިންތިޚާބު ކުރެވޭ ފަރާތަކާއި ހަވާލު ކުރުމެވެ. ފީފާއިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށުން ހިންގާފައެވެ.