× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ފީފާއިން ބައްސާމް 9 މަސް ދުވަހަށް ސަސްޕެންޑްކޮށްފި

20 ޖޫން 2024

މާލެ, ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް 9 މަސް ދުވަހަށް ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ސަސްޕެންޑް ކޮށްފި އެވެ. 

ފީފާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިވަން އެތިކްސް ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ 86 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި މި ނިންމުމަކީ މަނީ ލޯންޑަރ ކުރުމާއި ކޮރަޕްޝަނާއި އަދި ޖިނާއީ އިތުރު ކުށްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އަމުރެއްގެ ދަށުން އެފްއޭއެމް ހައުސް ބަލާ ފާސްކުރުމާއި ގުޅިގެން ފީފާއިން ކުރެވުނު ތަހުގީގުގެ މައްޗަށް ބެލުމަށްފަހުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. 

އަދީ ފީފާއިން ހިންގި ތަހުގީގުން ނުރަގަޅު ކަންތައްތަކެއް ހިންގާފައިވާކަން ފާހަގަ ކުރެވޭތީ އެކަންތައް ބެލުމަށް އިތުރަށް ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ތަހުގީގަކީ އެފްއޭއެމްގެ ރައީސްގެ ގޮތުގައި ހުރެ އެހެނިހެން ފަރާތްތަކުން ހަދިޔާ ލިބިފައިވޭތޯ ބެލުމާއި އަދި އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލުމަށް ކުރިއަށް ގެންދާ ތަހުގީގެއް ކަމަށްވެސް ވަނީ ބުނެފައެވެ. 

ފީފާގެ ބަޔާނުގައި ބުނެފައިވާ  ގޮތުގައި ބައްސާމް 9 މަސް ދުވަހަށް ސަސްޕެންޑް ކުރިކަން މިއަދު ފީފާއިން ވަނީ ބައްސާމް އަށް އަންގާފައެވެ. 

Copyright © 2024 Maldives Football