× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ވެލެންސިއާގެ ސިޓީ ކެންސަލް, ޓޮމްގެ ކެންޑިޑެސީ ބާތިލްވެއްޖެ

10 ޖެނުއަރީ 2024

މާލެ, ދިވެހިރާއްޖެ - މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ކްލަބް ވެލެންސިއާއިން ދީފައިވާ ތާއިދު ސިޓީ ކެންސަލް ކުރަން އިލެކްޓޯރަލް ކޮމިޓީން ނިންމައިފި އެވެ.

އިލެކްޓޯރަލް ކޮމިޓީގެ މި ނިންމުމާއިއެކު އަހުމަދު ތޯރިޓް (ޓޮމް)ގެ ކެންޑިޑެސޓީ ވަނީ ބާތިލް ވެފައެވެ. އެފްއޭއެމް ގެ އަސާސީ ގަވާއިދު ބުނާ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބެއްގެ ތާއިދު ހޯދަން ޖެހެއެވެ. ޓޮމް އަށް ތިން ކްލަބް ހަމަވެފައިވަނީ ކްލަބް ވެލެންސިއާގެ ސިޓީ ހިމަނައިގެންނެވެ.

ޓޮމް އާއިއެކު އިންތިޚާބުގައި ދެން ވާދަކުރާ ކްލަބް އީގަލްސްގެ ވައިސް ޗެއަރމަން މުފާވިޒް ހާޝިމް (މުފާ) ވަނީ ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއްގެ ތާއިދު ސިޓީ ހުށައަޅާފައެވެ.

ކްލަބް ވެލެންސިއާގެ ޗެއަރމަން އަބްދުالله އަޒްމީން ސޮއިކޮށް ބޯޑު ރިޒޮލިއުޝަން އަކާއިއެކު ޓޮމް އަށް ތާއިދު ސިޓީ ދީފައިވާއިރު ވެލެންސިއާ އިން ވަނީ އެ ސިޓީ ދިނުމުގެ ކުރިން އަޒްމީން މަގާމުން އިސްތިއުފާ ދީފައިވާ ކަމަށް ބުނެފައެވެ. އަދި މުފާއަށް ވެލެންސިއާއިން ދީފައިވާ ސިޓީ އަކީ ވައިސް ޗެއަރމަން އިލްމާއު ހުސެއިން ސޮއިކޮށްފައިވާ ސިޓީ އެކެވެ.

ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ތާއިދު ސިޓީ ދީފައިވާތީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ ލަފައެއް ހޯދުމަށް އިލެކްޓޯރަލް ކޮމިޓީން އޭއެފްސީގައި އެދުމުން އެ ދެ ސިޓީވެސް ކެންސަލް ކުރުމަށް އޭއެފްސީން މިއަދު އިލެކްޓޯރަލް ކޮމިޓީއަށް ލަފާ ދީފައިވާކަމަށް މޯލްޑިވްސްފުޓްބޯލް އަށް ވަނީ ކަށަވަރު ވެފައެވެ.

އިލެކްޓޯރަލް ކޮމިޓީގެ ނިންމުން އެޕީލް ކުރުމުގެ ފުރުސަތު ޓޮމް އަށް އޮންނައިރު ދެ ދުވަސް ތެރޭގައި އެޕީލް ކުރަން ޖެހޭނެ އެވެ. އަދި އެޕީލް ކުރާތާ ތިން ދުވަހުގެ ތެރޭގައި އެކަމަށް ގޮތެއް ނިންމަން ޖެހޭނއެވެ.

ކުރިން އެފްއޭއެމްގެ ރައީސްކަން ކުރެއްވި ޓޮމްގެ އެކްސްކޯގައި ހިމަނާފައިވަނީ ނައިބު ރައީސަކަށް އިމްރާން މުހައްމަދު (ކީޕަރު)، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ)، މެމްބަރުންގެ ގޮތުގައި، އަހުމަދު ޝާހިރު، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، އަންހެން މެމްބަރެއްގެ ގޮތުގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ އުލާ އިބްރާހިމް، މެމްބަރެއްގެ ގޮތުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު މިފްތާހު އަދި މެމްބަރުންގެ ގޮތުގައި އަލީ ރިޒްވާން އާއި އަބްދުﷲ ނާސިހު އެވެ.

ކްލަބް އީގަލްސް ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބޭއްވުމަށް އެންމެ ބުރަ މަސައްކަތެއް ކޮށްފައިވާ މުފާގެ ހިންގާ ކޮމިޓީގައި ދެން ހިމެނެނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި އިސްމާއީލް ޝަފީއު (އިއްސެ) އާއި މުހައްމަދު ހަސަން, އަންހެން މެމްބަރުގެ މަގާމަށް ހިމަނާފައިވަނީ،  މަރްޔަމް މިރްފަތު އެވެ.

Copyright © 2024 Maldives Football