× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް އާއި މުފާ ކުރިމަތިލައިފި

02 ނޮވެމްބަރ 2023

މާލެ, ދިވެހިރާއްޖެ - އަންނަ ޖެނުއަރީ މަހު ބާއްވާނެ ކަމަށް އިއުލާން ކޮށްފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގައި ވާދަކުރަން ކުރިން އެއިދާރާގެ ރައީސް ކަން ކުރައްވާފައިވާ އަހުމަދު ތޯރިގް (ޓޮމް) އަދި ކްލަބް އީގަލްސްގެ ޗެއަރމަން މުފާވިޒް ހާޝިމް (މުފާ) ކެންޑިޑެސީ ފޯމު ހުށައަޅައިފި އެވެ. 

މިއަދު އެފްއޭއެމް ހައުސްއަށް މި ދެ ކެންޑިޑޭޓުންގެ ފޯމު ހުށައެޅުމުން ފޯމާއި ހަވާލުވެފައިވަނީ ދާދި ފަހުން އެއިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާފައިވާ ޖައުޝަން ޝަރީފް އެވެ. 

އަންނަ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަކުރުމަށް ޓޮމް އާއި މުފާ ކެންޑިޑެސީ ފޯމު ހުށައަޅާފައިވާއިރު, އެ އިދާރާގެ ރައީސްގެ ގޮތުގައި މިވަގުތު ހުންނެވި ބައްސާމް އަދީލް ޖަލީލް ވަނީ މި ފަހަރުގެ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ކުރިން އިއުލާން ކުރައްވާފައެވެ. 

ކުރިން އެފްއޭއެމްގެ ރައީސްކަން ކުރެއްވި ޓޮމްގެ އެކްސްކޯގައި ހިމަނާފައިވަނީ ނައިބު ރައީސަކަށް އިމްރާން މުހައްމަދު (ކީޕަރު)، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ)، މެމްބަރުންގެ ގޮތުގައި، އަހުމަދު ޝާހިރު، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، އަންހެން މެމްބަރެއްގެ ގޮތުގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ އުލާ އިބްރާހިމް، މެމްބަރެއްގެ ގޮތުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު މިފްތާހު އަދި މެމްބަރުންގެ ގޮތުގައި އަލީ ރިޒްވާން އާއި އަބްދުﷲ ނާސިހު އެވެ.

ކްލަބް އީގަލްސް ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބޭއްވުމަށް އެންމެ ބުރަ މަސައްކަތެއް ކޮށްފައިވާ މުފާގެ ހިންގާ ކޮމިޓީގައި ދެން ހިމެނެނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި އިސްމާއީލް ޝަފީއު (އިއްސެ) އާއި މުހައްމަދު ހަސަން, އަންހެން މެމްބަރުގެ މަގާމަށް ހިމަނާފައިވަނީ،  މަރްޔަމް މިރްފަތު އެވެ.


އެފްއޭއެމްގެ އަސާސީ ޤަވާއިދުގައި ބުނާ ޝަރުތު ހަމަވޭތޯ! 

އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރުމަށް ދެ ކެންޑިޑޭޓުން މިއަދު ފޯމު ހުށައެޅިއިރު, މިހާރު އުފެދޭ ސުވާލަކީ އެ އިދާރާގެ އަސާސީ ގަވާއިދުގައި ބުނާ ޝަރުތު މި ދެ ކެންޑިޑޭޓުންގެ ހަމަވޭތޯ އެވެ. 

އަސާސީ ގަވާއިދު ބުނާ ގޮތުން އިންތިޚާބުގައި ވާދަކުރުމަށް މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބެއްގެ ތާއިދު ހޯދަން ޖެހެއެވެ. މިއަދު ޓޮމް އާއި މުފާ ފޯމު ހުށައަޅާފައިވާޢިރު ކްލަބް ވެލެންސިއާއިން ވަނީ ދެ ކެންޑިޑޭޓުންނަށްވެސް ތާޢިދު ކުރާކަމުގެ ލިއުން ދީފައެވެ. 

މީގެ އިތުރުން އަސާސީ ޤަވާއިދުގެ 33 ވަނަ މާއްދާގެ 5 ގައި ބުނެފައިވަނީ ހިންގާ ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރެއިން 2 އަހަރު ފުޓްބޯޅައިގެ "މެނޭޖީރިއަލް ޕޮޒިޝަން" އެއް އަދާކޮށްފައިވާ ފަރާތަކަށް ވެ އަދި މީގެ ކުރިން ޖިނާއީ ކުށެއް ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށެވެ. 

މި އިންތިޚާބުގައި ވާދަކުރާ ކްލަބް އީގަލްސްގެ މުފާ އަކީ ފާއިތުވެދިޔަ ފާއިތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އެކްލަބް ފުރަތަމަ ޑިވިޝަނުގެ ގަދަ ބާރަކަށް ހެދުމަށް އެންމެ ބުރަ މަސައްކަތް ކުރި ފަރާތެވެ. ނަމަވެސް އެފްއޭއެމްގެ ރައީސްގެ މަގާމު ޓޮމް އަށް ގެއްލުމަށްފަހު ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި އަމަލީ ގޮތުން އުޅެފައިވާތަނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. 


Copyright © 2024 Maldives Football