× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެފްއޭއެމް އަށް ފުލުހުން ވަން މައްސަލައިގައި ފީފާ އާއި އޭއެފްސީގެ ވަރުގަދަ އިންޒާރެއް!

26 އޮކްޓޯބަރ 2023

މާލެ, ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ
މައްސަލައިގެ ތަހުގީގަށް, ފުލުހުން އެފްއޭއެމްއަށް ވަތް މައްސަލައިގައި ފީފާ އާއި އޭއެފްސީން ރާއްޖެ ސަސްޕެންޑް ކޮށްފާނެކަމުގެ އިންޒާރު ދީފިއެވެ.

ފީފާގެ ޗީފް މެމްބަރ އެސޯސިއޭޝަންސް އޮފިސަރ ކެނީ ޝޯންމެރީ އަދި އޭއެފްސީގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ވާހިދު ޚަރްދާނީ ސޮއިކުރައްވާ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒްއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ސަރުކާރަށާއި އަދި ތަންފީޒީ އިދާރާތަކަށް މިފަދަ ތަންތަން ބަލައި ފާސްކުރުމުގެ އިހުތިސާސް އޮންނާނެކަމަށް ޤަބޫލުކުރި ނަމަވެސް އެފަދަ އަމަލެއް ހިންގަންވާނީ ޤާނޫނީ މަޤްސަދަކަށްޓަކައި ޤާނޫނީ އިމުގެ ތެރެއިންކަން ޤަބޫލުކުރާ ކަމަށެވެ. މިއީ މިފަދަ ކަމަކާއި ގުޅޭ ގޮތުން ފީފާ އާއި އޭއެފްސީގެ ޖޮއިންޓް ސްޓޭޓްމަންޓެއް ނެރުނު ފުރަތަމަ ފަހަރެވެ.

އަދި ފީފާގެ އަސާސީ ޤަވާއިދުގެ 14 ވަނަ މާއްދާގެ (1) (އައި) އާއި 19 ވަނަ މާއްދާގެ (1)ގެ އިތުރުން އޭއެފްސީގެ އަސާސީ ޤަވާއިދުގެ 10 ވަނަ މާއްދާގެ (1) (ޓ) އާއި 15 ވަނަ މާއްދާގެ (4) އާއި ހަވާލާދީ ފީފާ އާއި އޭއެފްސީ އިން ފާހަގކޮށްފައިވަނީ އެފްއޭއެމް ހިންގުމުގައި ދަމަހައްޓަންޖެހޭ މުސްތަގިއްލުކަމަށް އެއްވެސް ސިފައެއްގައި އެއްވެސް ބައެއްގެ ނުވަތަ ފަރާތެއްގެ ނުފޫޒު ފޯރާކަމަށްވާނަ ނުވަތަ އެފަދަ ތުހުމަތެއް ކުރެވޭނަމަ, ފީފާގެ އަސާސީ ޤަވާއިދުގެ 14 ވަނަ މާއްދާގެ (2) އާއި (3)ގެ އިތުރުން އޭއެފްސީގެ އަސާސީ ޤަވާއިދުގެ (1)ގެ (ޓ) އާއި މިމާއްދާގެ (2) ގައި ބަޔާންކުރެވިފައިވާ ފަދައިން އެފްއޭއެމް އާއި ދޭތެރޭ ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ފީފާގެ ފީފާ ޑިވެލޮޕްމަންޓް ޕްރޮގްރާމް އާއި އޭއެފްސީ އޭއެފްސީ އެންހޭންސް މެމްބަރ އެސޯސިއޭޝަން ޕްރޮގްރާމްގެ ދަށުން ދޫކުރެވޭ އެންމެހާ ފައިސާއަކީ ފީފާ އާއި އޭއެފްސީގެ އަސާސީ ގަވާއިދުގެ ދަަށުން ދެފުށްފެންނަ ޓްރޭސް ކުރެވޭ މިންގަނޑެއްގެ ތެރޭގައި ބޭނުން ކުރެވޭ ފައިސާކަން ކަށަވަރު ކުރުމަށް ކޮންމެ އަހަރަކު އޮޑިޓް ކުރެވޭ އެހީތަކެއްކަން ވަނީ އެ ސިޓީގައި ބަޔާންކޮށްފަ އެވެ.

އެފްއޭއެމް މައްސަލައިގައި ޕީޖީގެ އޮފީހުން މީގެ ކުރިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގާތްގުޅުމެއް އޮވެ، އެ ޖަމިއްޔާތަކުގެ އިތުބާރާއި ޔަގީންކަން އޮތް ގައުމެއް ކަމަށެވެ. އަދި އެފަދަ ގައުމެއްގައި އެފްއޭއެމް ފަދަ ޖަމިއްޔާ އަކުން އަމަލުކުރަމުން އަންނަނީ ގައުމުގެ ނަޒާހަތްތެރިކަމާއި އިންސާފުވެރި ކަމަށް އަސަރުކުރާ ގޮތަށް ކަމަށް ފެންނާތީ އެފްއޭއެމްގެ މި ކަންކަން ބަލަން ޖެހޭ ކަމަށެވެ.

"ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ފުޓްބޯޅަ ހުއްޓުމަކަށް އައިސްދާނެކަމުގެ އިޝާރާތެއް!

ފުލުހުންގެ ތަހުގީގަށް އެފްއޭއެމްގެ ގިނަ އަދަދެއްގެ ލިޔެކިއުމާއި މަސައްކަތުގެ މާހައުލުގައި ބޭނުންކުރަންޖެހެ ގިނަ ތަކެތި ގެންގޮސްފައިވާތީ އެ އިދާރާގެ މަސައްކަތްތައް ހުއްޓުމަކަށް އައިސް ލީގު މެދުކަނޑާލަން ޖެހިދާނެކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

"މި އިދާރާގައި ބޭނުންކުރާ ގިނަ އަދަދެއްގެ ލިޔެކިއުމާއި މަސައްކަތްތަކުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އެތަކެއް އާލާތްތަކެއް ފުލުހުންގެ ތަހުގީގަށް އެފަރާތުގެ ބެލުމުގެ ދަށަށް ގެންދެވިފައިވުމުގެ ސަބަބުން މި އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއަރައި މިވަނީ ހުއްޓުމަކަށް އައިސްފަ. އަދި މިހާލަތުގައި ފުޓްބޯޅަ ލީގާއި ރޭވިފައިހުރި އެނޫންވެސް އެހެނިހެން މުބާޜާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމުގައި ހިތާމަޔާއިއެކު ފާހަގަ ކުރަން." މިއަދު އެފްއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް މިވަގުތު އެފްއޭއެމްގެ އެންމެ އިސް މަސްއޫލިއްޔަތެއް ކަމުގައި ދެކެނީ ތަހުގީގީ އިދާރާތަކަށް އެންމެ ފުރިހަމައަށް މިކަމުގައި އެއްބާރުލުން ދިނުން ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

Copyright © 2024 Maldives Football