× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ވޯލްޑްކަޕްގެ ޕްރެލިމިނަރީ ބުރުގައި ރާއްޖެ ކުޅެން ޖެހޭނީ ބަންގްލަދޭޝް އާއި ދެކޮޅަށް

27 ޖުލައި 2023

މާލެ, ދިވެހިރާއްކެ - 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕާއި 2027 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ޕްރެލިމިނަރީ ކޮލިފައިންގައި ރާއްޖެ އާއި ދެކޮޅަށް ބަންގްލަދޭޝް ވާދަކުރަން ޖެހިއްޖެ އެވެ.

ޕްރެލިމިނަރީ ބުރުގައި ވާދަކުރާ ވިހި ގައުމު ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗު ކުޅުމަށްފަހު ދެ ލެގުން މޮޅުވާ ޓީމެއް ކޮލިފައިވާނީ ޕްރެލިމިނަރީގެ ދެވަނަ ބުރަށެވެ. ދެވަނަ ބުރުގައި ޖުމްލަ 36 ގައުމު ވާދަކުރާނެ އެވެ. 

ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖެ ކުޅޭ ދެ މެޗުން ކުރި ލިބިއްޖެނަމަ ރާއްޖެ ވާދަކުރަން ޖެހޭނީ ޕްރެލިމިނަރީ ގްރޫޕް އައި ގައި އޮސްޓްރޭލިއާ, ފަލަސްތީން އަދި ލެބަނާން އާއި ދެކޮޅަށެވެ.

ޕްރެލިމިނަރީ ފުރަތަމަ ބުރުގެ ފުރަތަމަ ލެގްގައި އަންނަ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހު މާލޭގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާއިރު ދެވަނަ ލެގް އޮންނާނީ އޮކްޓޯބަރ 17 ގައި ބަންގްލަދޭޝް ގައެވެ.

ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ކޮންމެ ޓީމެއްވެސް ވަނީ 2 މެޗުން މޮޅުވެފައެވެ. ވޯލްޑްކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނަށް ރާއްޖެ ނިކުންނާނީ އަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ވަނި ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ނަމަވެސް ދާދި ފަހުން ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ވަނީ ރާއްޖެ ބަލިކޮށް 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މައްޗަށް ކުރި ހޯދާފައެވެ.


Copyright © 2024 Maldives Football