× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ސްމޯލީ ހަމަޖައްސައިފި

24 ޖުލައި 2023

މާލެ, ދިވެހިރާއްޖެ - ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަންގްލަދޭޝްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ކުރިން ހުރި އިނގިރޭސިވިލާތުގެ ޕޯލް ސްމޯލީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖައްސައިފި އެވެ.

ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގައި މަސައްކަތް ކޮށްފައިވާ ސްމޯލީ އަކީ އޭޝިޔާގެ ފުޓްބޯޅައަށް އާ މޫނެއް ނޫނެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝް އިން ވަނީ ރަގަޅު ކުރިއެރުންތަކެއް ހޯދާފައެވެ.

ރާއްޖޭގެ ޓެކްނިކަލް ޑިރެކްޓަރ ކަމުގެ މަގާމާއި ހަވާލުވުމަށްފަހު ސްމޯލީ ބުނީ ބަންގްލަދޭޝްގައި ދެ ފަހަރެއްގެ މަތިން ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ބަންގްލަދޭޝްގެ ކްލަބް ފުޓްބޯޅަ ސިސްޓަމާއި އުމުރުފުރާ ގައުމީ ޓީމުތަކާއި އަންހެން ފުޓްބޯޅަ ޓީމު އަދި ފިރިހެން ޓީމުގެ ނަތީޖާތަކުން މި ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް އިން ހޯދި ކުރިއެރުން ފެންނާނެ"

"ބަންގްލަދޭޝް ދޫކޮށްލަން ނިންމީ އެއް ގޮތަަކަށް ވެސް އާ ކޮންޓްރެކްޓަކާ އެކު ބަންގްލަދޭޝް އިން ހުށަހެޅި މުސާރަ ކުޑަވެގެން ނޫން. ރާއްޖޭގެ ޕްރޮޕޯސަލް ރަނގަޅުވެ، އާ ޗެލެންޖެއް ނަގައި، ރާއްޖޭގެ ފުޓްބޯޅަ އެންމެން ބޭނުންވާ ލެވަލަކަށް ގެންދަން އެހީވުމަށް." ސްމޯލީ ބުންޏެވެ.

ސްމޯލީ އިތުރަށް ބުނެފައިވަނީ އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ ރާއްޖޭގެ ފުޓްބޯޅަ ބޭނުންވާ މިސްރާބަށް ގެންދެވޭނެ ކަމަށެވެ.

ސީނިއާ ޓީމުގެ ކޯޗަކަށް ސުޒޭން!

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން އެ މަގާމާއި ދެން ހަވާލުވާނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ކަމުގައިވާ އަލީ ސުޒޭން ކަމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

"މި ވަގުތު އޮތް ވިސްނުމަކީ މިހާރު ވެސް އެ އޮތް 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓިމުގެ ކޯޗުންނަށް ބަދަލެއް ނުގެންނަން ނަމަވެސް އަންޑަ 23 ޓީމާއި ސީނިއާ ޓީމު ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެންގެ މިހާރުގެ ކޯޗުގެ ކޮންޓްރެކްޓް ހަމަވާނެ އޮގަސްޓްގެ ނިޔަލަށް، އެ އަށް ފަހު، އަޅުގަނޑުމެންގެ ވިސްނުމަކީ ކޯޗުގެ ކޮންޓްރެކްޓް އާ ނުކޮށް، އެސިސްޓަންޓް ކޯޗަކަށް ހުރި އަލީ ސުޒޭން އާއި ޓީމު ހަވާލު ކުރުން،" އެފްއޭއެމް އަށް އަލަށް ގެނައި ޓެކްނިކަލް ޑިރެކްޓަރ ތައާރަފް ކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.

ސުޒޭން ވަނީ މޮރިއޭރޯގެ އެސިސްޓެންޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. އަދި މީގެ ކުރިން ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި މާޓިން ކޫޕްމަންގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރުމަށްފަހު އޭނާ މަގާމުން ވަކިވުމުން ވަގުތީ ގޮތުން ގައުމީ ޓީމުގެ ހެޑްކޯޗެއްގެ ގޮތިގައިވެސް މަސައްކަތް ކޮށްފަ އެވެ.

Copyright © 2024 Maldives Football