ފުޓްބޯޅައިގެ ހާލަތު ބަދަލު ކުރަން ބޭނުންވަނީ އިހުލާސްތެރިން!
29 ޖޫން 2023
މާލެ, ދިވެހިރާއްޖެ - މިދުވަސްވަރަކީ ދިވެހި ފުޓްބޯޅައިގެ ވާހަކަ ހުއްޓުމެއް ނެތި ދެކެވޭ ދުވަސްވަރެކެވެ. ފުޓްބޯޅަ އަށް ހެޔޮ ގޮތަކާއި އެންމެ ފައިދާ ހުރި ގޮތާއި އަދި ރަގަޅު ކުރަން ހަދަންޖެހޭ ގޮތުގެ ވާހަކަ އެކިއެކި ފަރާތްތަކުން ދަނީ ދައްކަމުންނެވެ.
އާދެ! ސަބަބެއް ނެތިއެއްވެސް ނޫނެވެ. ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި މުބާރާތުގެ ސެމީ ފައިނަލަށް ކޮލިފައިނުވެ ރާއްޖެ ކެޓި މިއީ ފުރަތަމަ ފަހަރެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ކަމުގައިވާ 1993 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެ ބައިވެރި ނުވި ނަމަވެސް 1995 ވަނަ އަހަރު ރާއްޖެ ވަނީ މުބާރާތުގައި ބައިވެރިވެ, ފަހު ވަގުތު މުބާރާތުގައި ވާދަ ނުކުރަން ނިންމާފައެވެ. އޭގެ ފަހުން ބޭއްވި ހުރިހާ މުބާރާތެއްގައި ރާއްޖެއިން ވާދަކޮށްފައިވާއިރު ކޮންމެ ފަހަރަކުވެސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު, މުބާރާތުގެ ޗެމްޕިއަންކަން ވަނީ ދެ ފަހަރު މަތިން ހޯދާފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރެވެ.
މި މުބާރާތުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މެދު އިރުމަތީގެ ޓީމުތަކަށް ދައުވަތު ދީގެން ބޭއްވި ފުރަތަމަ ފަހަރު މުބާރާތުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ނަމަވެސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ރާއްޖެއަށް ގެއްލުނީ ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވުމުންނެވެ. އެ މެޗުން މޮޅުވިނަމަ ރާއްޖެއަށް ސެމީގެ ފުރުސަތު ލިބުނީހެވެ. ދެން އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.
މި މުބާރާތުގައި ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ދިވެހިންގެ ކެތްތެރިކަން ވަނީ ކޮޅުންލާފަ އެވެ. އެއާއެކު އެފްއޭއެމް ވެސް ގޯސްވީ އެވެ. ކްލަބްތައްވެސް ގޯސްވީ އެވެ. ކުޅުންތެރިންނާއި ކޯޗުންވެސް ގޯސް ވީ އެވެ.
1980 އާއި 1990 ގެ އަހަރު ތަކުގެ ތެރޭގައި ފުޓްބޯޅައަށް އޮތް ލޯތްބާއި ފޯރި ގެއްލިގެންދިޔައިރު ނުވަތަ ގެއްލެމުންދިޔަ އިރު ފުޓްބޯޅަ އާއިލާ ނިދިން ހޭލެވުނުނަމަ މިއަދު ފުޓްބޯޅަ މިއޮތް ހާލަތަކަށް ނުދާނެ އެވެ. ފުޓްބޯޅަ ޕްރޮމޯޓްކޮށް ނުވަތަ ފުޓްބޯޅަ ކުރިއެރުވުމުގެ ނަމުގައި އޭރުވެސް އަދި 2000 ގެ ކުރީކޮޅުވެސް ގިނަ ކަންތައްތަކެއް ކުރަމުންދާކަމަށް މީޑިޔާގެ ފަލަ ސުރުހީތަކުން ފެނިގެންދިޔައެވެ. އެކަންތައްތައް ކާމިޔާބުނުވީ ނުވަތަ ނުކުރެވުނު ސަބަބުން ހޯދާ ބަލާ ފުޓްބޯޅަ އާއިލާ އެއްކޮށް ގުޅިގެން އޭރު މަސައްކަތް ކުރި ނަމަ ހަމަ ޔަގީނުންވެސް މި ހާލަތަކަށް ދިވެހި ފުޓްބޯޅަ ނުދާނެ އެވެ.
ޒާތީ ހަސަދަވެރިކަމާއި އިހުލާސްތެރިކަން ނެތުން
ފުޓްބޯޅަ އާއިލާ އަކީ އެންމެން އެކައްޗެއް ކިޔާ ގުޅިގެން މަސައްކަތް ކުރާ ބައެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވުނު ނަމަވެސް ޒާތީ ހަސަދަވެރިކަން އިންތިހާއަށް އޮވެއެވެ. އެކަން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ދުވަހު އޭރު ގައުމީ ޓީމުގެ އޮފިޝަލުންގެ އަމަލުތައް ހުރި ގޮތުންވެސް ސާފުވެ ފެނިގެންދިޔައެވެ.
ފުޓްބޯޅައިގެ ހާލަތު ބަދަލުކުރަން ނުވަތަ މިހާރު އޮތް ހާލަތުން އެހެން ހަރުފަތަކަށް ފުޓްބޯޅަ ގެންދިއުމަށް ކަމަށް ބުނެ އެތައް ކަންތައްތަކެއް ކުރިތަން ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް އޭގެއިން އެއްވެސް ކަމަކުން އެކަށީގެންވާ ކުރިއެރުމެއް ނުވަތަ ފައިދާއެއް ކުރި ތަނެއް ނުފެނެއެވެ.
މިފަދަ ކޮންމެ ކަމެއްގެ ވާހަކަ ދެކެވެން ފަށާއިރަށް އެކަމަށް ފާޑު ކިޔާ ފަރާތްތައް ވަރަށް ގިނައެވެ. ނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި ފެންނަނީ އެފަރާތްތަކުގެ ރާގު ބަދަލުވެ އެފްއޭއެމްގެ ނުވަތަ ގައުމީ ޓީމުގެ ކޮންމެވެސް މަގާމެއްގައި އެފަރާތްތައް ތިބޭ ތަނެވެ. އެހިސާބުން ރާގު ބަދަލުވެ ކިޔާ ލަވަވެސް ތަފާތެވެ.
އިހުލާސްތެރި ހިތަކާއިއެކު ފުޓްބޯޅައިގެ ހާލަތު ރަގަޅު ކުރަން ނުވަތަ ބަދަލުކުރަން ބޭނުންވާ ފަރާތްތަކެއް ނަމަ އެކަން ރަގަޅު ކުރުމުގެ ފުރުސަތު ލިބުމުން އެމަސައްކަތް ނުކުރުމަކީ ނުވަތަ ނުވުމަކީ ސުވާލު އުފެދޭ ކަމެކެވެ.
އެފްއޭއެމްގެ ހިންގުމުގައި ކޮންމެ ބައެއް ތިބި ނަމަވެސް ގުޅިގެން އެންމެ އެއްކޮށް މަސައްކަތް ކޮށްފިނަމަ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަކީ ނުވާނެ ކަމެއް ނޫނެވެ. މި ސަރަހައްދަށް ބަލާއިރު ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ އަދި އެންމެ ހުނަރުވެރި ކުޅުންތެރިން ތިބި ގައުމަކީ މި ކުޑަކުޑަ ރާއްޖެ ކަމާއިމެދު ސުވާލެއްވެސް ނެތެވެ. ނަމަވެސް އެކަން ނުވަނީ ކީއްވެތޯ މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ.
ފުޓްބޯޅައިގެ ހާލަތު ބަދަލު ކުރަން ނުވަތަ ރަގަޅު ކުރަން އެންމެ ބޮޑު ޒިންމާއެއް އޮތް ބަޔަކީ ކްލަބްތަކެވެ. ކުޅުންތެރިން ނެތި ކްލަބްތަކެއް ނޯންނާނެ ފަދައިން ކްލަބްތައް ނެތިއެއް ފުޓްބޯޅަ އެސޯސިއޭޝަނެއްވެސް ނޯންނާނެ އެވެ. އެހެންކަމުން ކްލަބްތަކުން ކުޅުންތެރިންނަށް އިހުމާލުނުވެ ދެމެހެއްޓެނިވި ގޮތަކަށް ކްލަބްތައް ހިންގޭނެ ގޮތެއް ހޯދުމަކީ ކްލަބްތަކުގެ ޒިންމާއެކެވެ. އެ ޒިންމާ ފުރިހަމަ އަށް އަދާކޮށްފިނަމަ ފުޓްބޯޅައިގެ ހާޅަތު ބަދަލުވާނެ އެވެ. އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ.