× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ތައްޔާރުވާތާ އެތައް ދުވަހެއް, އެކަމަކު ރޭވުމެއް ނެތް!

26 ޖޫން 2023

މާލެ, ދިވެހިރާއްޖެ - މި ސަރަހައްދުގެ އެންމެ ވާދަވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް ފެށެން ވަގުތު ކުޑަތަންވަމުން އަންނައިރު މީގެ ކުރިން އަބަދުވެސް އިވޭ އަޑަކީ މުބާރާތަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނެތް ވާހަކަ އާއި ލީގުގެ މެޗްތައް ކުރިއަށްދާތީ ޓީމު އެކުގައި ފަރިތަކުރަން ވަގުތު ނެތް ވާހަކަ އެވެ.

ނަމަވެސް އިންޑިޔާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ވަނީ އެކަށީގެންވާ ވަގުތު ލިބި ޓީމު މުބާރާތަށް ތައްޔާރު ކުރުމަށް ނުކުޅެދިފަ އެވެ. ލީގުގައި ގިނަ މެޗްތަކެއް ޓީމު ތަކުން ކުޅެފައިވާއިރު ގައުމީ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ތިބި މާޒިޔާއިން މި ސީޒަނަށް ވަނީ ވަރަށް ރަގަޅަށް ތައްޔާރުވެފައެވެ. އަދި ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު ވަނީ ޖަޕާނުގައި ޓްރޭނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ދެ މެޗު ރާއްޖެ މިހާތަނަށް ކުޅެފައިވާއިރު, ފުރަތަމަ މެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވި ނަމަވެސް ހުނަރުވެރި ކުޅުންތެރިން ގިނަ ދިވެހި ޓީމަށް ވަނީ ބޫޓާން ކައިރީ އެ ހުނަރު ދެއްކުމަށް ނުކުޅެދިފައެވެ. ޓީމެއްގެ ގޮތުގައި މެޗަށް ތައްޔާރުވެފައިވާ ތަނެއް ނުފެނެ އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރާ 3-1 އިން ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް އިން ކުރި ހޯދުމަކީ ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި އެ ގައުމުން ރާއްޖޭގެ މައްޗަށް ސާފް ގައި ކުރި ހޯދި ފުރަތަމަ ފަހަރެވެ. މި މެޗުގައި ދިވެހި ޓީމުގެ ފަރާތުން އެއްވެސް ވަރެއްގެ ރޭވުންތެރިކަމެއް ނުފެނުނުއިރު މެޗަށް ޓީމު ތައްޔާރުވެފައިވާ ތަނެއްވެސް ނުފެނެ އެވެ.

އިނގިރޭސި ބަހަށް ކޮށި, އިޓަލީގެ ކޯޗު މޮރިއޭރޯ އަށް ކުޅުންތެރިންނާއި ވާހަކަ ދެއްކުމުގައި ދަތިކަމެއް ހުންނާނެކަން ކަށަވަރެވެ. ކޯޗު ބުނާ އެއްޗެއް ނުވަތަ ކޯޗު ބޭނުންވާ ގޮތެއް ކުޅުންތެރިިންނަށް ބުނެނުދެވޭނަމަ ކޯޗެއް ހުރުމުގެ ބޭނުމެއް ނެތެވެ. 

ގައުމީ ޓީމުގެ ކޯޗު ކަމާއި މޮރިއޭރޯ ފުރަތަމަ ހަވާލުވިއިރު އޭނާއަށް ތަރުޖަމާނެއް ހަމަޖައްސައި ދިނެވެ. ނަމަވެސް ތަރުޖަމާނަކަށް ހުރި ސިމާއޯ އަށް މުސާރަ ނުދޭކަމަށް ބުނެ އޭނާ ވަނީ މަގާމުން އިސްތިއުފާ ދީ އެކަންތައް މީޑިޔާގެ ސަމާލުކަމަށް ގެނެސްފައެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ކޮށިކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކާ މޮރިއޭރޯ އަށް އިނގިރޭސިން ރަގަޅަށް ވާހަކަ ދައްކަން ނޭނގުމަކީ ހަމަ ޔަގީނުންވެސް އޭނާއަށް ބޮޑު ޗެލެންޖަކަށް ވާނެއެވެ.

މުސާރަ ނުދޭއިރު ކޮންޓްރެކްޓް އާ ކުރުމުން ސުވާލު އުފެދޭ!

ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމާއި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހަވާލުވެފައިވަނީ 2021 ވަނަ އަހަރު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި 2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ އިތުރު އެއް އަހަރު ދުވަހަށް އޭނާގެ ކޮންޓްރެކްޓް އާކޮށްފަ އެވެ.

މޮރިއޭރޯގެ ކޮންޓްރެކްޓް އެފްއޭއެމް އިން އާ ކުރިއިރު އޭނާއަށް 10 މަސް ދުވަހުގެ މުސާރަ ނުދޭކަމަށް މީޑިޔާގައި ވަނީ ވާހަކަ ދެކެވިފައެވެ. ދިހަ މަހުގެ މުސާރަ ނުދީ އޮތް ކޯޗެއް އިތުރު އެއް އަހަރު ދުވަހަށް ކޮންޓްރެކްޓް އާކުރަން އެއްބަސްވުމަކީ މިކަމުގައި ސުވާލު އުފެދޭ ކަމެކެވެ. ފުޓްބޯޅަ ކޯޗެއް ވިޔަސް އަދި ކުޅުންތެރިއެއް ނަމަވެސް މުސާރަ ނުލިބޭނަމަ އަބަދުވެސް އަޑު އިވެނީ ކޮންޓްރެކްޓް ބާތިލު ކުރާ ވާހަކައެވެ. ނުވަތަ މުސާރައިގެ މައްސަލަ ފީފާއަށް ހުށައަޅައިގެން ނުލިބި އޮތް މުސާރައެއް ހޯދުމަށް މަސައްކަތް ކުރާ ވާހަކަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުން ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުން ކޯޗު މަގާމުން ދުރު ކުރުމަށް ގިނަ ބަޔަކު ވަނީ އެފްއޭއެމް އަށް ގޮވާލާފައެވެ.

Copyright © 2024 Maldives Football