× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެއަށް އިތުރު ޕްރެޝަރެއް

25 ޖޫން 2023

ބެންގަލޫރު, އިންޑިޔާ - ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ފަހަތުން އަރާ 3-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް އިން ރާއްޖެ ބަލިކޮށްފި އެވެ.

މި މެޗުން މޮޅުވުމާއެކު ބަންގްލަދޭޝް އިން މި ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފަ އެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބުނުއިރު، ރާއްޖެ އާއި ލެބަނަން އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ އަށް އަމިއްލަ ބާރުގައި ދެން ސެމީ ފައިނަލުގެ ޖާގައެއް ލިބިގެންދާނޭ ގްރޫޕުގެ ފަހު މެޗުގައި ލެބަނަން ބަލިކޮށްގެންނެވެ. ބަންގްލަދޭޝް ގްރޫޕުގެ ފަހު މެޗުގައި ބޫޓާނާއި ދެކޮޅަށް ކުޅޭއިރު މިރޭ ބުޓާން އާއި ލެބަނަން ކުޅޭ މެޗުން ލެބަނަން މޮޅުވެއްޖެނަމަ ލެބަނަން އަށް ސެމީގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.

މި މެޗުން ބަންގްލަދޭޝް މޮޅުވުމާއެކު މިއީ ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގައި ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް އަށް ކުރި ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ގައުމު ރާއްޖެ އަތުން މޮޅުވެފައިވަނީ 2003 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައެވެ.

ބެންގަލަރޫގެ ސިރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގެ 17 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު ވަނީ ލަނޑެއް ކާމިޔާބުކޮށް ރާއްޖެއަށް ކުރި ހޯދަދީފައެވެ. މި ލަނޑަށްފަހު ބަންގްލަދޭޝް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފައެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމެން 3 މިނިޓަށް ވެފައިވަނިކޮށް ބަންގްލަދޭޝްގެ ރަކީބް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ދެވަނަ ހާފްގައި ބަންގްލަދޭޝް ފެނުނީ ކުރިއަށްވުރެ ބޮޑަށް މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ތަނެވެ.

މި މެޗުން ބަންގްލަދޭޝް އަށް ކުރި ލިބިފައިވަނީ މެޗުގެ 67 ވަނަ މިނިޓްގައި ތާރިކް ކާޒީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި މުރްސަލީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.Copyright © 2024 Maldives Football