× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ޖޫން މަހު އިންޑިޔާގައި

16 ފެބުރުއަރީ 2023

މާލެ، ދިވެހިރާއްޖެ - ސަރަހައްދީ ފުޓްބޯޅައިގެ އެންމެ ޝަރަރުވެރި މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް މި އަހަރުގެ ޖޫން މަހު އިންޑިޔާގައި ބޭއްވުމަށް ނިންމައިފި އެވެ.

ނޭޕާލާއި ސްރީ ލަންކާއިން މުބާރާތް ބޭއްވުމަށް ބިޑް ކޮށްފައިވަނިކޮށް އިންޑިޔާގައި މުބާރާތް ބާއްވަން ސާފްގެ އެކްސްކޯ އިން ނިންމާފައިވަނީ ސްރީ ލަންކާ މިވަގުތު ފީފާގެ ސަސްޕެންޝަނެއްގައި އޮތުމާއި އަދި މުބަރާތުގެ ސްޕޮންސަރުން މި މުބާރާތް އިންޑިޔާގައި ބޭއްވުމަށް އެދިފައިވާތީ އެވެ.

ޖޫން މަހުގެ 20 އިން ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިންޑިޔާގައި ކުރިއަށް ގެންދާ މުބާރާތް ބާއްވާނީ އެ ގައުމުގެ ކޮން ސްޓޭޓެއްގައި ކަމެއް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް އެކަން އަން މަހުގެ ތެރޭގައި ފައިނަލް ކުރެވޭނެކަމަށް ބެލެވެ އެވެ.

މި ފަހަރުގެ މުބާރާތުގައި އިންޑިޔާ އިން ވާދަކުރާނީ 23 އަހަރުން ދަށުގެ ޓީމެއް ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ. މި ގޮތަށް ނިންމާފައިވަނީ ޒުވާން ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ދިނުމުގެ އިތުރުން ގައުމީ ޓީމުގެ މެޗުތަކުން ގަވާއިދުން ފުރުސަތު ނުލިބޭ ކުޅުންތެރިންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އިންޑިޔާގައި މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވާއިރު ސިޔާސީ ގޮތުން އިންޑިޔާ އާއި ވާދަވެރި ޕާކިސްތާން މުބާރާތުގައި ވާދަނުކުރެއެވެ. ނަމަވެސް މި ފަހަރުގެ މުބާރާތަށް ޕާކިސްތާން އިންޑިޔާއަށް ދާނެކަމަށް ގަބޫލުކުރެވެއެވެ.

2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ނޭޕާލާއި ވާދަކޮށް އިންޑިޔާ އިންނެވެ. މިއީ މުބާރާތް އެ ގައުމުން ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. ރާއްޖެއިން ވަނީ މި މުބާރާތުގެ ތަށި ދެ ފަހަރެއްގެ މަތިން ހޯދާފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރެވެ.

Copyright © 2024 Maldives Football