× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އީގަލްސްގެ ކޯޗުކަމާއި ސާންތި ދެވަނަ ފަހަރަށް ހަވާލުވެއްޖެ

12 ފެބުރުއަރީ 2023

މާލެ، ދިވެހިރާއްޖެ - ކްލަބް އީގަލްސް އާއިއެކު ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރިން ކޮށްފައިވާ ކޯޗު، އިހުސާން އަބްދުލް ޣަނީ (ސާންތި) އެ ޓީމުގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ހަވާލުވެއްޖެ އެވެ.

އީގަލްސް އާއިއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސާންތި ސޮއި ކުރިއިރު މީގެ ކުރިން ސާންތި ވަނީ 2011 އިން 2017 ވަނަ އަހަރާއި ހަމައަށް ކޯޗުކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ސާންތި ވަނީ އީގަލްސް އިން ޒުވާން އެތައް ހުނަރުވެރި ކުޅުންތެރިންނެއް އުފައްދާފަ އެވެ.

ސާންތިގެ އިރުޝާދުގެ ދަށުން ކްލަބް އީގަލްސް އިން ވަނީ 2016 ވަނަ އަހަރުގެ ޤައުމީ މުބާރާތުގެ ތަށި ހޯދާފައެވެ.

އީގަލްސް އާއި 2011 ވަނަ އަހަރު ގުޅުމުގެ ކުރިން ސާންތި ވަނީ ގައުމި ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުވެސް އަދާކޮށްފަ އެވެ. އެގޮތުން 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސާންތި ވަނީ މަސައްކަތް ކޮށްފަ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި ދެ އަހަރެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހު ސާންތި ވަނީ އޭދަފުށި ފުޓްބޯޅަ ޓީމާއި ޔުނައިޓެޑް ވިކްޓަރީގެ އިތުރުން ވިކްޓަރީ އަށްވެސް ކޯޗުކޮށްދީފަ އެވެ.

ސާންތި އިގާލްސް އާއި ހަވާލުވިއިރު، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުންވަނީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު ލަމާން ޒުހައިރު، އައިހަމް ސައީދު، މޫސާ އަޒީމް އަދި އަބްދުﷲ އަމީންގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު އާއި މުބީން އިބްރާހިމް ވަނީ އީގަލްސް އަށް ބަދަލުވެފައެވެ.


Copyright © 2024 Maldives Football