އޭއެފްސީގެ ހިންގާ ކޮމިޓީ އަށް އެފްއޭއެމްގެ ރައީސް ބައްސާމް އިންތިހާބުވެއްޖެ
01 ފެބުރުއަރީ 2023
ބަހްރޭން - އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަންސް (އޭއެފްސީ) ގެ ހިންގާ ކޮމިޓީއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިހާބު ވެއްޖެއެވެ.
ބައްސާމް މި މަގާމަށް އިންތިހާބު ވެފައިވަނީ ބަހްރޭނުގެ މަނަމާގައި މިއަދު ބޭއްވި އޭއެފްސީގެ 33 ވަނަ ކޮންގްރެސްގައެވެ. އެހެންކަމުން 2023 އިން 2027 ގެ ނިޔަލަށް އޭއެފްސީގެ ހިންގާ ކޮމިޓީގައި ބައްސާމް ހިމެނޭނެ އެވެ.
މީގެ ކުރިން އޭއެފްސީގެ ހިންގާ ކޮމިޓީގައި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާއި ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުވެސް ވަނީ ހިމެނިފަ އެވެ.
އެފްއޭއެމް ގެ ރައީސްގެ ގޮތުގައި ދެވަނަ ދައުރެއް ފުރަމުން ގެންދާ ބައްސާމް އޭއެފްސީގެ ހިންގާ ކޮމިޓީއަށް އިންތިހާބުވިއިރު، އޭއެފްސީގެ ރައީސްގެ މަގާމަށް އިންތިހާބުވެފައިވަނީ ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އެލް ހަލީފާ އެވެ. ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުވެފައިވަނީ، ސެންޓްރަލް ޒޯނުގައި އީރާންގެ މެހްދީ ތާޖު، ސައުތު ޒޯންގައި ބޫޓާންގެ އިއުޖެން ސެޝުޕް، ވެސްޓް ޒޯނުގައި ލެބަނަންގެ ހައިޝަމް ހައިދަރު، އާސިއާން ޒޯންގައި މިޔަންމާގެ ޒައޮ ޒައޮ އަދި އީސްޓް ޒޯނުގައި މޮންގޯލިއާގެ ގަންބާތަރު އަމްގަލަންބާތަރު އެވެ.
2016 ވަނަ އަހަރު އެފްއޭއެމް ގެ ރައީސްގެ މަގާމަށް އިންތިހާބުވި ބައްސާމް ވަނީ އޭގެ ކުރިން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް އާދާކޮށްފައެވެ.