× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެކުވެރިކަމުގެ މެޗުން މެލޭޝިއާ އަތުން ރާއްޖެ ބަލިވެއްޖެ

14 ޑިސެމްބަރ 2022

ކުއަލަ ލަމްޕޫރު، މެލޭޝިއާ - އެކުވެރިކަމުގެ މެޗެއްގައި މިރޭ މެލޭޝިއާ އާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ރާއްޖެ 3-0 ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެ. 

ބުކިޓް ޖަލީލް ނެޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި މެލޭޝިއާގެ ކުރިއަށް ކުޅޭ ޑަރެން ލޮކް، އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ވަރަށް ރީތިކޮށް ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު، ހުސެއިން ޝަރީފް ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި މެލޭޝިއާ އިން ލީޑު ނަގާފައިވަނީ މެޗުގެ 24 ވަނަ މިނިޓްގައި ލޮކް ޖެހި ގޯލުންނެވެ. ރާއްޖޭގެ ފަހަތަށް ކުޅޭ، ހުސެއިން ސިފާއު ޔޫސުފް ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އޭނާ ފައިގައި ޖެހިފައި ބޯޅަ މަތަވި ވަގުތު އެ ބޯޅަ ލުބުނު ލޮކް ވަނީ ކީޕަރު ކުރިއަށް އަރާފައިވާތީ ހުހަށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ކޯޗް މޮރިއޭރޯ ވަނީ ހަމްޒާ މުހައްމަދު އާއި މިރާޝް އިމްތިޔާޒް ކުޅެން އަރުވާފައެވެ. މިއީ ސްޕޭނުގެ ހަވަނަ ޑިވިޝަނުގައި ކުޅޭ މިރާޝް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

މެލޭޝިއާ އިން މި މެޗުގައި ޖެހި ދެ ވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން މުހައްމަދު ފައިސަލް ހަލީމް އެވެ.

ރާއްޖޭން ވަނީ މެޗުގެ ފަހު ވަގުތު އަލީ އަޝްފާގު ކުޅެން އަރުވައިފަ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 90 ވަނަ މެޗެވެ.

މެލޭޝިއާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ ޓަކް ލީ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަރިމަތިން ސާޖިއޯ އަގުއެރޯ ނެގި ހުރަހަކަށް އަރައި ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި މެޗަށްފަހު މި މަހުގެ 17 ވަނަ ދުވަހު ރާއްޖެ އިން ދެން ނިކުންނާނީ ސިންގަޕޫރާއި ދެކޮޅަށެވެ.

Copyright © 2024 Maldives Football