× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

މެލޭޝިއާ މެޗަކީ މުހިންމު ޓެސްޓެއް - މޮރިއޭރޯ

13 ޑިސެމްބަރ 2022

ކުއަލަލަމްޕޫރު، މެލޭޝިއާ – އެކުވެރިކަމުގެ މެޗެއްގައި މާދަމާ މެލޭޝިއާ އާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗަކީ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅޭ ވަރަށް މުހިންމު ޓެސްޓެއް ކަމުގައި ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

"މެލޭޝިއާގެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. މި މެޗަކީ ރާއްޖެއަށް ވަރަށް މުހިންމު މެޗެއް އަދި ޓީމު މިހާރު އޮތް ހާލަތު ދެނެގަންނަން ލިބޭ ރަގަޅު ފުރުސަތެއް އަދި ރަގަޅު ޓެސްޓަކަށް ވެގެންދާނެ." މާދަމާ ރާއްޖެ ގަޑިން މެންދުރު ފަހު 3 ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ އިތުރަށް ބުނީ ރާއްޖެއަކީ ވެސް ރަގަޅަށް ކުޅެފިނަމަ ވަރުގަދަ ޓީމެއް ކަމަށާއި ބޭނުންވަނީ ޕޮޒިޓިވް ފުޓްބޯޅައެއް ކަމަށެވެ.

"އަހަރެން ބޭނުންވަނީ މެޗުގެ ނަތީޖާއާއިމެދު ކުޅުންތެރިން ނުވިސްނާ ރަގަޅު މެޗެއް ކުޅުމަށް. އަހަރެން ގަޔާވަނީ ހައި އިންޓެންސިޓީ ޕޮޒިޓިވް ފުޓްބޯޅައެއް." މޮރިއޭރޯ ބުންޏެވެ.

'ރާއްޖޭގެ ސީޒަން ނިމުނުތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އަދި އާ ސީޒަން ފެށޭނީ އަންނަ މާޗް މަހު. ގިނަ ކުޅުންތެރިން ތިބީ މެޗެއް ނުކުޅެ ޗުއްޓީ އާއި ވަޒީފާގައި. އަހަރުމެން މި މެޗަށް ނިކުންނަނީ ވިހި ދުވަހުގެ ފަރިތަކުރުންތަކަށްފަހު. އަހަރެންނަށް މި މެޗުގެ ނަތީޖާއަށްވުރެ މެޗު މުހިންމު." ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ އިތުރަށް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ޑިފެންޑަރ ސަމޫހު ބުނީ މެލޭޝިއާ އަކީ ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫން ކަމަށެވެ.

"މެލޭޝިއާއަކީ ވަރަށް ހަލުވި ކުޅުންތެރިން ހިމެނޭ ވަރުގަދަ ޓީމެއް. އެކަމު އެއީ ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫން. އަހަރުމެން މަސައްކަތް ކުރާނީ މި މެޗުން މޮޅުވާން." ސަމޫހު ބުންޏެވެ.

މެލޭޝިއާ އާއި ދެކޮޅަށް މާދަމާ ކުޅޭ މެޗަށްފަހު ރާއްޖޭގެ ޓީމު ދެން ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ސިންގަޕޫރާއި ދެކޮޅަށެވެ.

Copyright © 2024 Maldives Football