× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އަހަރެއްހާ ދުވަސް ފަހުން ދަގަނޑޭ ގައުމީ ޓީމަށް ނަގައިފި

12 ޑިސެމްބަރ 2022

މާލެ، ދިވެހިރާއްޖެ - ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަހަރެއްހާ ދުވަސް ފަހުން ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނައި، އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ރޭ މެލޭޝިއަށް ފުރައިފި އެވެ.

ގައުމީ ޓީމު ފުރަތަމަ ކުޅޭނީ މިމަހުގެ 14 ވަނަ ދުވަހު މެލޭޝިއާ އާއި ދެކޮޅަށް އެ ގައުމުގައެވެ. އަދި އޭގެ ފަހުން މިމަހުގެ 17 ވަނަ ދުވަހު ދެވަނަ މެޗުގައި ނިކުންނާނީ ސިންގަޕޫރާއި ދެކޮޅަށެވެ.

ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން އާ ކުޅުންތެރިންތަކަކަށް ގައުމީ ޓީމުގެ ކޯޗު ވަނީ ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު ޝިފާން ހަސަން، ސްޕެއިންގެ ހަ ވަނަ ޑިވިޝަނުގައި ކުޅުނު މިރާޝް އިމްތިޔާޒް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދަ ގްރާންޑޭ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ކުޅެފައިވާ މުހައްމަދު ސަހާއު ގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ހުމައިދު ހުސެއިން އަދި ޓީސީގެ އަހުމަދު މާއިޝް ރަޝީދު ވަނީ ސްކޮޑުގައި ހިމެނިފަ އެވެ.

މީގެ އިތުރުން ނިމިގެންދިޔަ އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ވެލެންސިއާގެ އިލާންއަށް ވެސް ވަނީ ޓީމާއިއެކު ފަރިތަކުރުމުގެ ފުރުސަތު ދީފައެވެ. އިލާން ވަނީ 14 އަހަރުން ދަށުގެ ލީގުގައި ކުޅުނު އަށް މެޗުން 35 ގޯލު ޖަަހައިފަ އެވެ. މިއީ ރާއްޖޭގެ ޔޫތު މުބާރާތެއްގައި ލަނޑު ޖެހުމުގެ އެންމެ ރަނގަޅު ރެކޯޑެވެ.

މިއީ ފާއިތުވެދިޔަ އަހަރުތަކަށް ބަލާއިރު ގައުމީ ޓީމުން އެންމެ ގިނަ އަދަދަކަށް މެޗު ކުޅޭ އަހަރެވެ. ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ބްރުނާއީ އާއި ލާއޯސް މެޗުތަކުގެ ނަތީޖާ އަށް ފަހު ފީފާ ރޭންކިންގައި ކުރިއެރުން ލިބުނެވެ.

Copyright © 2024 Maldives Football