ސިމާއޯގެ މުސާރަ ދިނުމަށް ފީފާއިން އެފްއޭއެމް އަށް އަންގައިފި
12 ޑިސެމްބަރ 2022
މާލެ، ދިވެހިރާއްޖެ - ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ކުރިން މަސައްކަތް ކުރި ޕޯޗުގަލްގެ ސިމާއޯ ކޮސްޓާއަށް ދޭންޖެހޭ މުސާރަ ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން އަންގައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން މި ގޮތަށް އަންގާފައިވަނީ ސިމާއޯ އަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދޭންޖެހޭ މުސާރަ ނުދީ ހުރުމުގެ ސަބަބުން އޭނާ އެ މައްސަލަ ފީފާ އަށް ހުށައެޅުމުންނެވެ. ސިމާއޯ އެ މައްސަލަ ފީފާއަށް ހުށައަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުސާރައިގެ ގޮތުގައި ސިމާއޯއަށް ދޭންޖެހޭ 35000 އެމެރިކާ ޑޮލަރު އޭނާއަށް 45 ދުވަހުގެ ތެރޭގައި ދެއްކުމަށް ފީފާއިން ވަނީ އަންގާފައެވެ.
ގައުމީ ޓީމުތަކުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ އެހެން ކޯޗުންނަށްވެސް މުސާރަ ދިނުމަށް މީގެ ކުރިން ފީފާއިން ވަނީ އެފްއޭއެމް އަށް އަންގާފައެވެ. އެގޮތުން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ޑެބޯ ބާބާ އާއި ފިރިހެން ޓީމުގެ ހެޑް ކޯޗަކަށް ހުރި މާޓިން ކޫޕްމަން އަދި އޭނާގެ އެސިސްޓެންޓް ކޯޗަކަށް ހުރި ރެނޭ ހިޑިންކް އަށް ދޭންޖެހޭ މުސާރައިގެ މައްސަލަ ހިމެނެއެވެ.
އަންހެން ޓީމުގެ ކޯޗަކަށް ހުރި ބާބާއަށް ދޭންޖެހޭ 39،919.34 އެމެރިކާ ޑޮލަރު ދައްކާ ހަލާސްކޮށްފައިވާއިރު، ރެނޭއަށް ދޭން ޖެހޭ 187،375 އެމެރިކާ ޑޮލަރު އަދި ދައްކާފައެއް ނުވެއެވެ.