އެލްކެސަންގެ ދެ ލަނޑާއެކު ރާއްޖެ އަތުން ޗައިނާ މޮޅުވެއްޖެ
ޗައިނާ އާއި ރާއްޖެ މިރޭ ބައްދަލުކުރި މެޗްގެ ތެރެއިން (ފޮޓޯ: ހުސެއިން ވަހީދު/މިހާރު)

އެލްކެސަންގެ ދެ ލަނޑާއެކު ރާއްޖެ އަތުން ޗައިނާ މޮޅުވެއްޖެ

އެމްއެފް ނިއުސް10 ސެޕްޓެމްބަރ 2019 21:51

މާލެ، ދިވެހިރާއްޖެ - 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ރާއްޖެ ބައްދަލުކުރި މެޗް 5-0 ގެ ނަތީޖައަކުން ޗައިނާ ކާމިޔާބުކޮށްފި އެވެ. މި މެޗްގައި ޗައިނާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެލްކެސަން އެވެ.

ގަލޮޅޫ ދަނޑުގައި މިރޭ ކުޅުނު މި މެޗްގެ ފުރަތަމަ ހާފްގައި ޗައިނާއިން ދެ ލަނޑު ކާމިޔާބުކުރި ނަމަވެސް ދެވަނަ ހާފްގައި ރާއްޖެއިން ވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ.

ގުއާމް އާއި ދެކޮޅަށް ކުޅުނު މެޗްގެ ފުރަތަމަ އެގާރައިގައި ކުޅުނު މެޗާއި އަޅާބަލާއިރު މި މެޗްގައި ކޯޗް ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ރާއްޖޭގެ ޓީމުން ނިކުތްއިރު އިތުބާރު ފޯވަޑް އަލީ އަޝްފާގުގެ އިތުރުން ހުސެއިން ނިހާން އަށް ވަނީ ފުރަތަމަ ޓީމުން ފުރުސަތު ދީފައެވެ.

މެޗްގެ ހަތްވަނަ މިނިޓްގައި ޗައިނާ އަށް ލިބުނު ކޯނަރަކުން ލިންޕެންގް ގޯލަށް އަމާޒުކޮށް ހަމަލައެއް ފޮނުވާލި ނަމަވެސް ރާޢްޖޭގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި އެ ބޯޅަ ވަނީ ދަނޑި ކައިރިން ބޭރުވެފައެވެ.

މެޗްގެ 22 ވަނަ މިނިޓްގައި ޗައިނާއިން ލީޑު ނެގުމާއި ގާތަށް ވަނީ ޖެހިފައެވެ. ރާއްޖޭގެ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު ވޫ ލެއި ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްފަ އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ޗައިނާގެ ޔަންގްޒޫ ފޮނުވާލި ހަމަލާ ވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރުވެފައެވެ.

ޗައިނާއިން މި މެޗްގައި ލީޑު ނަގާފައިވަނީ މެޗްގެ 33 ވަނަ މިނިޓްގައި ވޫޒީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަރިމަތިން ނެގި ހުރަހެއް ބޮލުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ޗައިނާގެ ވޫލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ދެވަނަ ހާފްގެ ކުޅުން ރާއްޖެއިން ފަށާފައިވަނީ ބަދަލަކާއެކު އެވެ. އެގޮތުން އަޝްފާގުގެ ބަދަލުގައި ނާއިޒް ވަނީ ކުޅެން އަރާފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފްގެ ކުޅުން ރާއްޖެއިން ފަށާފައިވަނީ ނުރައްކާތެރި ހަމަލަތަކަކާއެކުގައެވެ.

މެޗްގެ 55 ވަނަ މިނިޓްގައި ރާއްޖެއިން ވަނީ ލަނޑެއް ޖެހުމާއި ގާތަށް ގޮސްފައެވެ. އަކްރަމް ފޮނުވާލި ހިލޭ ޖެހުން ހުރަސް ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ނާއިޒް ދެވަނަ ފަހަރަށް ގޯލަށް ފޮނުވާލުމުން ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ޗައިނާއިން މި މެޗްގައި ލީޑު ފުޅާކޮށްފައިވަނީ މެޗްގެ 64 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޔަންގްޒޫ އެވެ.

މި މެޗްގެ ފުރިހަމަ ވަގުތު ހަމާވްން ދިހަ މިނިޓަށް ވެފައިވަނިކޮށް ރާއްޖޭގެ ކެޕްޓަން އަކްރަމް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައެވެ. އަދި ޗައިނާއަށް ލިބުނު ޕެނަލްޓީ އިން އެ ޓީމުގެ ފޯވަޑް އެލްކެސަން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

މެޗްގެ އިތުރު ވަގުތުގައި ޗައިނާގެ އެލްކެސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ. އަރިމަތިން ލިބުނު ބޯޅައެއް އެއް ފަހަރުން އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލާފަ އެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016 Maldivesfootball.com