ބައްސާމް އާއި ތާރިގް، މޮޅުވާނީ ކާކު؟
01 ނޮވެމްބަރ 2016
މިމަހުގެ 20 ވަނަ ދުވަސް ވެގެންދާނީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ކުލަގަދަ ދުވަހަކަށެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައިވެސް ބާއްވާ އެންމެ ވާދަވެރި އިންތިޚާބު ބާއްވާ ދުވަހަކީ އެއީއެވެ. އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން މި އިންތިޚާބު ކާމިޔާބު ކުރައްވާނީ ބައްސާމު ތޯ ނުވަތަ ތާރިގު ތޯ މިއީ މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ.
އެފްއޭއެމްގެ ސެރެމޯނިއަލް ރައީސްގެ ގޮތުގައި މިވަގުތު ހުންނެވި އަހުމަރު ތާރިގުއަށް އެމަޤާމަށް އާދެވިފައިވަނީ ޝައްކަތްވެސް ނެތް ގޮތުގައި އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝަވީދުގެ އެހީތެރިކަމާއެކު އެކުލަވާލި ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް ރައީސް ކަމުގައި ހޭދަ ކުރެއްވި މަދު ދުވަސްތަކުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ހިންގާ ކޮމިޓީގެ ފަސް މެމްބަރަކުވަނީ އިސްތިއުފާ ދީފައެވެ. އަދި އަލުން އާ އިންތިޚާބެއް ބޭއްވުމަށް އޭއެފްސީން އެންގުމުން ތާރިގުގެ ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލުގެ އިތުރުން ތާރިގު ވެސް ވަނީ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށައަޅުއްވާފައެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ފުޓްބޯޅައިގެ ހިންގުމުގެ ދާއިރާގައި ބައްސާމްވަނީ އޭނާގެ ގާބިލުކަން ސާބިތުކޮށްދީފައެވެ. ނަމަވެސް އެއާއި ޚިލާފަށް ތާރިގު އަކީ ޓީމެއް ގޮވައިގެން މަސައްކަތް ކުރުމުގައި ނާކާމިޔާބު މީހެއްގެ ގޮތުގައި ފުޓްބޯޅައިގެ އާއިލާގައި ހިމެނޭ ބައެއް ފަރާތްތަކުންވަނީ ސިފަކޮށްފައެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ތާރިގުގެ ހިންގާ ކޮމިޓީން އިސްތިއުފާ ދިން ފަސް މެމްބަރުންވެސް އިއްތިފާގުވާ އެއް ކަމަކީ މަޝްވަރާ ކުރުމުގެ ބަދަލުގައި އަމިއްލައަށް ގޮތް ނިންމާ ފަރާތެއްގެ ގޮތުގައި ސިފަ ކުރުމެވެ.
21 މެމްބަރުންގެ ތާއީދާއިއެކު އެފްއޭއެމްގެ ރައީސްގެ މަޤާމަށް ވާދަކުރުމުގެ ފޯމު ހުށައެޅުއްވި ނަމަވެސް މިހާރު ގިނަ ކްލަބްތަކަކުންވަނީ ތާރިގުއަށް ތާއިދު ނުކޮށް ބާއްސާމްއަށް ތާއިދު ކުރުމަށް ނިންމާފައިވާކަމަށް ބުނެ ބަޔާންތައް ނެރެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކްލަބްތަކުންވެސް ތާރިގުއަށް ކުރި ތާއީދު އަނބުރާ ގެންނާނެ ކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ.
ކަންމިހެން ހުރިއިރު މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަަށް ހަމަޖެހިފައިވާ ވާދަވެރި އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ބައްސާމްގެ ޓީމެވެ.