× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ދިވެހި ފުޓްބޯޅައަށް މިވަނީ ކިހިނެއް!؟

18 ނޮވެމްބަރ 2022

ދިވެހި ފުޓްބޯޅައެއް މިހާރަކު ނެތް! ދެން ކީއްކުރަން ބަލާ ދިވެހި ފުޓްބޯޅައެއް؟ ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ދިވެހިން މިހާރު ދިވެހި ފުޓްބޯޅައިގެ ވާހަކަ ދައްކާއިރަށް ދެނީ މި ޖަވާބެވެ.

ހަގީގަތުގައިވެސް މިހާރު ކަންތައްތައް ހުރީ ހަމަ މިހެންނެވެ. ފުޓްބޯޅައަށް މަރުދިން ދިވެހި އެތަކެއް ސަޕޯޓަރުންނެއް މިހާރު ދިވެހި ފުޓްބޯޅަ ކީއްކުރަން ދިވެހި ކުޅުންތެރިންގެ ވާހަކަވެސް ދައްކަނީ ވަރަށް މަދުންނެވެ. ފުޓްބޯޅައިގެ ފޯރި ކެނޑި ދަނޑަށް މީހުން ނުވަދެ ސަޕޯޓަރުން ނެތި ފުޓްބޯޅަ ސީޒަން ނިންމާލި ވާހަކަ ބުނުމަކީ މިހާރު ދޮގު ވާހަކައެއް ނޫނެވެ. ސުވާލަކީ ދިވެހި ފުޓްބޯޅަ މިހާލަތަށް ވެއްޓުނީ ކީއްވެތޯ އެވެ؟ ކޮންކަމެއް ކޮން ގޮތަކަށް ކުރެވިގެންތޯ އެވެ. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިކަމުގައި ކޮންމެވެސް ބައެއްގެ އިހުމާލެއް އޮތް ކަމެވެ. އަދި މިކަމަގެ ސަބަބުން ފުޓްބޯޅައަށް އޮތް ލޯބި އިންތިހާއަށް ކުޑަވެފައިވާކަމެވެ.

އެފްއޭއެމްގެ އަސާސީ ޤަވާއިދާޢި ހިންގާ ޤަވާއިދުގައިވާ ގޮތުން އެފްއޭއެމް ހިންގުމަށް އިންތިޚާބު ކުރެވޭ ރައީސް އާއި ހިންގާ ކޮމިޓީ އަކީ މެމްބަރު ކްލަބްތަކުން ވޯޓް ދީގެން ހޮވާފައިވާ ފަރާތްތަކެކެވެ. އަދި ވޯޓްގައި ބައިވެރިވާ ކްލަބްތަކަކީ ޤަވާއިދުގައި ބަޔާން ކުރާ ހުރިހާ ކަމެއް ފުރިހަމަ ވެފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. އެފްއޭއެމް އޭގެ ޒާތުގައި ވުޖޫދުވަނީ ކުޅުންތެރިންނާއި ހިސާބުންނެވެ. ކުޅުންތެރިން ނެތި ކްލަބެއް ނޯންނާނެއެވެ. އަދި ކްލަބެއް ނެތި އެފްއޭއެމް އެއްވެސް ނޯންނާނެ އެވެ. އެހެންކަމުން ކުޅުންތެރިންނަށް ފުރިހަމަ ކޮށްދޭންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގައި އިހުމާލުވާ ފަރާތްތަކަށް އެ ހައްގު ލިބިގެންނުވާނެ އެވެ.

ދަތި ހާލުގައި އުޅޭ ކުޅުންތެރިންތަކަކަށް ލިބެންޖެހޭ މުސާރަތައް ބަރާބަރަށް ނުލިބި އެ ކުޅުންތެރިން މަގުމަތިވެ ހަދާނެ ގޮތް ހުސްވާ ހިސާބަށް ދާއިރުވެސް ގިނަ ފަހަރު އެ ކުޅުންތެރިންނާއި އަޅާލާނެ ފަރާތެއް ނޫނީ އެކަމަށް ހައްލެއް ހޯދުމަށް ހަދަންޖެހޭ ގޮތެއް އެ ކުޅުންތެރިންނަށް އޮންނަނީ ލިބިފައެވެ. އަދި އެކަން މީޑިޔާއަށް ތިލަވެއްޖެނަމަ ދެން ކުރިމަތިލާން ޖެހެނީ އިތުރު ދަތިތަކަކާއެވެ.

އަހަރަކު އެތައް މިލިއަން ރުފިޔާއެއް ކްލަބްތަކަަށް ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދެމުންދާއިރު އެ ފައިސާ ޚަރަދު ކުރަނީ އެންމެ ރަގަޅަށްތޯ ބަލާ އަދި އެކަން ކުރަމުންދާ ގޮތް އާންމުންނަށް ނުވަތަ އެ ކްލަބެއްގެ މެމްބަރުންނަށް ފެންނާނެހެން ހާމަ ކުރުމަކީ މިފަދަ ކަންތައްތަކަށް ހައްލެ ހޯދުމަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް ސުވާލަކީ މިފަދަ ކަމެއް ކުރުމަށް ހުރިހާ ފަރާތްތަކުން އެއްބަސްވާނެ ތޯ އެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ހުރިހާ ފަރާތްތަކުން އެކައްޗެއް ކިޔާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ.

ފުޓްބޯޅަ އާއިލާގައި ހިމެނޭ ގިނަ ބަޔަކުދަނީ އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީ އާއި ރައީސް އަށް ފާޅުގައި ފާޑުކިޔަމުންނެވެ. އިދާރީ ގޮތުން އެ އިދާރާގެ ހިންގުން ދޯދިޔާވެފައިވާ ކަމާއި އަދި މާލީ ގޮތުން ބޮޑު އަނދަވަޅަކަށް އެފްއޭއެމް ވެއްޓިފައިވާކަމަށް ދަނީ ބުނަމުންނެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެކަމުން އަރައިގަންނަން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ރާވާފައިވާ ކަންތައްތަކަކީ ކޮބައިކަމެއް ނޭނގެއެވެ.

Copyright © 2024 Maldives Football