ޗައިނާ 5-0 ރާއްޖެ: ރާއްޖެ އަތުން ޗައިނާއަށް ފަސޭހަ މޮޅެއް
11 ޖޫން 2021
ޝާރުޖާ، ޔޫއޭއީ - ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގެ ގްރޫޕް އޭގެ ދެވަނަ ބުރުގައި ރާއްޖެ އާއި ދެކޮޅަށް ޗައިނާ ކުޅުނު މެޗް 5-0 ގެ ނަތީޖާއަކުން ޗައިނާއިން ކާމިޔާބުކޮށް ކޮލިފައިންގެ ތިންވަނަ ބުރުގެ އުންމީދު އާކޮށްފި އެވެ.
މި މެޗުން މޮޅުވުމާއެކު ޗައިނާއަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު 7 މެޗުން 16 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފައެވެ. އެއްވަނައިގައި އޮތް ސީރިޔާއިން ކުޅުނު 7 މެޗުން 21 ޕޮއިންޓް ހޯދައިގެން ވަނީ ވޯލްޑްކަޕް ކޮލިފައިންގެ ތިންވަނަ ބުރުގެ ފުރުސަތު ހޯދާފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ފަހު މެޗް ކާމިޔާބުކޮށް ކޮލިފައިންގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޗައިނާއަށް އަދިވެސް އެބައޮތެވެ.
ގްރޫޕްގެ ފަހު މެޗްގައި ސީރިޔާ އާއި ދެކޮޅަށް ޗައިނާ ކުޅޭ މެޗްގެ މުހިންމުކަން ބޮޑުވާތީ ޗައިނާގެ ކޯޗްވަނީ ރާއްޖެ އާއި ދެކޮޅަށް ކުޅުނު މެޗްގައި މުހިންމު ކުޅުންތެރިންތަކަކަށް އަރާމުކުރުމުގެ ފުރުސަތު ދީފައެވެ.
ދުބާއީގެ ޝާރުޖާ ސްޓޭޑިއަމްގައި ހުކުރު ދުވަހު ކުޅުނު މި މެޗްގެ 5 ވަނަ މިނިޓްގައި ޗައިނާގެ ލިއު ބިން ބިން ވަނީ ލަނޑެއް ކާމިޔާބުކޮށް ޗައިނާއަށް ލީޑު ނަގައިދީފަ އެވެ. އޭރިޔާ ތެރޭގައި ހުހަށްހުރެ ލިއު ބިން ބިން ފޮނުވާލި ބާރު ހަމަލާ ދިފާއު ކުރުމުގައި ރާއްޖޭގެ ކީޕަރު ފައިސަލް އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
ޒުުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން މާޓިން ކޫޕްމަން ނެގި ޓީމުން ވަނީ ޗައިނާގެ ތަޖުރިބާކާރު ޓީމާއި ދެކޮޅަށް ރަގަޅު ކުޅުމެއް ދައްކާފަ އެވެ. ޑިފެންސަށް އިސްކަންދީގެން ކުޅުނު މި މެޗްގައި ރާއްޖޭގެ ކީޕަރު ފައިސަލްގެ ފަރާތުން ރީތި ސޭވްތަކެއްވެސް ވަނީ ފެނިގެންގޮސްފަ އެވެ.
ޗައިނާއިން މި މެޗްގައި ޖެހި ދެވަނަ ލަނޑު މެޗްގެ 30 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވޫ ލެއި އެވެ.
ދެވަނަ ހާފްގެ ކުޅުން ފެށުނުތާ މާގިނައިރުތަކެއް ނުވަނީސް ރާއްޖޭގެ ކޯޗް މާޓިން ކޫޕްމަންވަނީ އެއްފަހަރާ ދެ ބަދަލު ގެނެސްފައެވެ. އެގޮތުން ހަމްޒާ އާއި އައިސަމްގެ ބަދަލުގައި ނާއިމް އާއި ޝަމާލް ވަނީ ކުޅެން އަރާފަ އެވެ.
ނަމަވެސް މި ދެ ބަދަލު ގެނައިތާ ފަސް މިނިޓް ފަހުން ދެ މިނިޓްގެ ތެރޭގައި ޗައިނާއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ. މި ދެ ލަނޑު ޗައިނާއަށް ކާމިޔާބު ކޮށްދީފައިވަނީ އެލެން އާއި ޒަން ޔުނިންގ އެވެ.
ކޮލިފައިންގައި އެންމެ ފަހުން ސީރިޔާ އާއި ދެކޮޅަށް ކުޅުނު މެޗްގައި ނުކުޅެވުނު އަލީ އަޝްފާގް އަށް ކޯޗް ވަނީ މެޗްގެ ފަހު 13 މިނިޓްގައި ކުޅެން ފުރުސަތު ދީފަ އެވެ.
ޗައިނާއިން މި މެޗްގައި ޖެހި ފަސް ވަނަ ލަނޑު 79 ވަަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓޭން ލޮންގް އެވެ.
ގްރޫޕްގެ ފަހު މެޗްގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނިކުންނާނީ ފިލިޕީންސް އާއި ދެކޮޅަށެވެ.