× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ދަގަނޑޭ އާއި ތޮއްޕޭ ކޮވިޑަށް ޕޮޒިޓިވްވެ ޓީމާއި ދުރަށް

30 މޭ 2021

މާލެ، ދިވެހިރާއްޖެ - ވޯލްޑް ކަޕް ކޮލިފައިންގއަށް ތައްޔާރުވަމުންދާ ގައުމީ ޓީމުގެ ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޓީމާއި ވަކިވާން ޖެހިއްޖެ އެވެ.

ދުބާއީގައި ކުރިއަށްދާ ޓްރެއިނިން ކޭމްޕް ނިންމާފައި ޗައިނާ އަށް ފުރުމުގެ ކުރިން ކުރި ދެވަނަ ޓެސްޓުން ދަގަނޑޭ އާއި ތޮއްޕޭ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ. ގައުމީ ޓީމުގެ ދެ ކުޅުންތެރިން ނުލައި ޗައިނާ އަށް ދިއުމަށް މިއަދު ދުބާއީ މަގުން ފުރަން އޮތް ނަަމަވެސް މިއަދު ނުފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ދެ ކުޅުންތެރިއަކު ޕޮޒިޓިވްވެފައިވާއިރު، ޗައިނާގެ ހެލްތު އޮތޯރިޓީން ލިބެން ޖެހޭ ހުއްދަ ނުލިބުމުންނެވެ.

ބެލެވޭ ގޮތުގައި ގައުމީ ޓީމުގެ ކުޅުންތެރިން އިތުރު ޓެސްޓްތަކެއް ހަދަން ޖެހުމުގެ ފުރުސަތު އެބައޮތެވެ. މި ދެކުޅުންތެރިން ޕޮޒިޓިވްވެފައިވާތީ ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެ ދެ ކުޅުންތެރިން 10 ދުވަހު ދުބާއީގައި ކަރަންޓީނުވާން ޖެހޭނެ އެވެ.

ދަގަނޑޭ އާއި ތޮއްޕޭ ކޮވިޑަށް ޕޮޒިޓިވްވެ ގައުމީ ޓީމާއި ވަކިވާން ޖެހިފައިވާއިރު، ކޮވިޑަށް ޕޮޒިޓިވްވުމުން މި ފަހަރު ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ސްކޮޑާ އެކު ނުދެވުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް އީސާ (މެސީ)، ހަސަން ރާއިފް (ހަންނަ)، ޔަސްފާދު ހަބީބު (މުލަކޭ) އަދި އަބްދުﷲ ޔާމީން (ޔާން) ހިމެނެ އެވެ.

ކޮލިފައިންގައި ގައުމީ ޓީމު ދެން ކުޅެން ޖެހޭނީ ޗައިނާ އާއި ސީރިޔާގެ އިތުރުން ފިލިޕީންސް އާއި ދެކޮޅަށެވެ.

Copyright © 2024 Maldives Football