× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެފްއޭއެމްގެ ރައީސަކަށް ބައްސާމް އިންތިޚާބުކޮށްފި

02 ޖުލައި 2020

މާލެ، ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބީ ކޮންގްރެސް މިއަދު ހަވީރު ބާއްވައި، މިހާރު ވެސް ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އެ މަގާމަށް އަލުން އިންތިޚާބުކޮށްފި އެވެ.

އެފްއޭއެމް ހައުސްިގައި ބޭއްވި ކޮންގްރެސްގައި އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން ވޯޓު ނެގުމެއް ނެތި އެވެ. މިއަދުގެ ކޮންގްރެސްގައި ވަނީ އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓެއް ނެތި ހޮވޭ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައެވެ. މި ބަދަލު ފާސްކޮށްފައިވަނީ މިއަދު އެވެ.

އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ހޮވުނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބް ރައީސަކަށް ހޮވުނީ މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނީ އަހުމަދު ޝަކީބް އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު އާއި އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އައިމިނަތު ޝާނީޒް އާއި މުހައްމަދު ޝިފާއު އެވެ.

ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ، އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ، ޕީކޭ، ޖޭޖޭ ސްޕޯޓްސް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ.

Copyright © 2024 Maldives Football