ނިލަންދޫ ބަލިކޮށް ދަ ގްރޭންޑް އިން ލީގު ފަށައިފި
ދަ ގްރޭންޑްގެ ކުޅުންތެރިން ނިލަންދޫ ކޮޅަށް ލަނޑެއް ޖެހުމަށްފަހު އުފާ ފާޅުކުރަނީ (ފޮޓޯ: އިބްރާހިމް ފާއިދު)

ނިލަންދޫ ބަލިކޮށް ދަ ގްރޭންޑް އިން ލީގު ފަށައިފި

އެމްއެފް ނިއުސް14 ޖޫން 2019 23:29

މާލެ، ދިވެހިރާއްޖެ - މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗްގައި މިރޭ ނިލަންދޫ އާއި ދަ ގްރާންޑް ނިއު ޖެނަރޭޝަން ބައްދަލުކުރި މެޗް 2-0 ގެ ނަތީޖާއަކުން ދަ ގްރޭންޑް އިން ކާމިޔާބުކޮށްފި އެވެ.

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑް އިން ޑޮމިނޭޓްކޮށްގެން ކުޅެފައިވާ މި މެޗްގައި ނިލަންދޫގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު، ދަ ގްރޭންޑް އިން ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގައިވެސް ރަގަޅު ތިން ފުރުސަތެއް އެ ޓީމުން ވަނީ ތަނަވަސް ކޮށްފަ އެވެ.

މެޗްގެ ދެވަނަ މިނިޓްގައި ދަ ގްރޭންޑް އިން ވަނީ ނިލަންދޫގެ ގޯލު ހުޅުވާލާފަ އެވެ. ހާފްގެ މެދުތެރެއިން އަހުމަދު އިމާޒް ދިން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ އަހުމަދު ވިޖުދާން ގޯލުގެ ތެރެއަށް ފޮނުވާލިއިރު ކީޕަރު ޒިޔަޒަންއަށް ބޯޅަ ދިފާއު ކުރުމަށް މާބޮޑު ކަމެއް ކުރެވިފައެއް ނުވެއެވެ.

ދަ ގްރޭންޑް އަށް ވަނީ މެޗްގެ އަށް ވަނަ މިނިޓްގައި ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފައެވެ. ދަ ގްރޭންޑް އަށް ލިބުނު ކޯނަރެއް ނެގި ވަގުތު ތޮލާލް ނަސީރު ބޮލުން ގޯލަށް ފޮނުވާލި ނަމަވެސް ގޯލުގެ ރޮނގު މަތީގައި ހުރި ހަފީޒް ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

މެޗްގެ 28 ވަނަ މިނިޓްގައި ދަ ގްރޭންޑްގެ ޔަސްފާދު ހަބީބު ނިލަންދޫ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން މެޗްގެ ނަތީޖާ ބަދަލު ކުރުމުގެ ފުރުސަތު ދަ ގްރާންޑް އަށް ވަނީ ލިބިފައެވެ. އޭރިޔާ ތެރެއަށްވަދެ އަހުމަދު އިމާޒް ފޮނުވާލި ބޯޅަ ކީޕަރު ޒިޔަޒަން ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްފަ އެވެ.

މެޗްގެ ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވީނަމަވެސް ދަ ގްރޭންޑް އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް މި ހާފްގައިވެސް ތަނަވަސްކޮށްފަ އެވެ.

މި މެޗްގައި ދަ ގްރޭންޑް އިން ޖެހި ދެވަނަ ލަނޑު މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށްވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ތޮލާލް ނަސީރު އެވެ.

ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016 Maldivesfootball.com