× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ފޯކައިދޫ ބަލިކޮށް ޗެރިޓީ ޝީލްޑް ޓީސީން ކާމިޔާބުކޮށްފި

11 ޖޫން 2019

މާލެ، ދިވެހިރާއްޖެ - މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް 4-2ގެ އެގްރިގޭޓް ނަތީޖާއަކުން މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި އެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަން، ޓީސީ އާއި ފޯކައިދޫ ފުރަތަމަ ލެގްގައި ފޯކައިދޫ ގައި ކުޅުނު މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވަނިކޮށް މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗް 3-1 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ ޓީސީ ސްޕޯޓްސް އިންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗްގެ 26 ވަނަ މިނިޓްގައި ޓީސީގެ އިބްރާހިމް އައިޝަމް ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ނޭޕާލުގެ ފޯވާޑް ބިމަލް ގާތީ މަގަރް ޖެހި ބޯޅަ ކީޕަރު ސާގިބް އަތުގައި ޖެހިފައި ނުކުތުމުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 53 ވަނަ މިނިޓްގައި ފޯކައިދޫ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އަންސަރު އިބްރާހިމް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މި ޕެނަލްޓީ އަކީ ޓީސީ ގެ އަކުރަމް އަތުގައި އޭރިޔާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ނަމަވެސް އޭގެ ތިން މިިނިޓް ފަހުން ފޯކައިދޫގެ އަލީ ޝާމިއު ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މި މެޗްގައި ޓީސީން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗްގެ 69 ވަނަ މިނިޓްގައި ބިމަލް އެވެ. އަދި މެޗްގެ 76 ވަނަ މިނިޓްގައި އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

Copyright © 2024 Maldives Football