× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ނިއު ރޭޑިއަންޓް ނެތި ފުޓްބޯޅަ ސީޒަން ފަށަނީ!

17 މޭ 2019

ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކްލަބަކީ ނިއު ރޭޑިއންޓް ސްޕޯޓްސް ކްލަބެވެ.

1979 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އުފެދުނު ކްލަބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ ފުޓްބޯޅަ މުބާރާތެއްގެ ތަށި ކާމިޔާބުކޮށްފައިވާ ކްލަބެކެވެ. އަދި އެންމެ ގިނަ ތަށި ހޯދާފައިވާ ކްލަބަކީ ވެސް ނިއު ރޭޑިއަންޓެވެ. އެގެ ތެރެއިންވެސް 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރުމަކީ ރާއްޖޭގެ ކްލަބަކަށް ސަރަހައްދީ ފުޓްބޯޅަ މުބާރާތެގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީވެސްމެ އެވެ.

ނަމަވެސް ކުރިއަށް އޮތް 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އަދި މިހާތަނަށް ފެންނަން އޮތް ގޮތުން ނިއު ރޭޑިއަންޓް ފެނުމަކީ ދުރު ކަމެކެވެ. ހަމަ ޔަގީނުންވެސް ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ފަރާތްތަކަކަށް މިއީ ހިތްދަތި ކަމެކެވެ. އަދި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނެތި ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދިއުމަކީ ފުޓްބޯޅަ މުބާރާތްތަކަށް ލިބިގެންދާނެ އުނިކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ނިއު ރޭޑިއަންޓަށް ފުރުސަތު ގެއްލުން

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވާދަ ކުރުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް ގެއްލުނީ ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުންނެވެ. ދިވެހި 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާގެ މައްސަލަތަކެއް ކުޅުންތެރިން އެފްއޭއެމް އަށް ހުށައެޅުމުން އެފްއޭއެމްގެ ޕްލޭޔަރސް ސްޓޭޓަސް ކޮމިޓީން އެ މައްސަލަތައް ބެލުމަށްފަހު ކްލަބަށް މުހުލަތުތަކެއްވަނީ ދީފައެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައުމުން އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް އެ ކްލަބް ވަނީ ސަސްޕެންޑްކޮށްފައެވެ.

އަދި މިދިޔަ މާޗް މަހު އޮތް އެފްއޭއެމްގެ ކޮންގްރެސް އިންވަނީ ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ދެމެހެއްޓުމަށް ފާސްކޮށްފަ އެވެ. ވޯޓްގައި ބައިވެރިވި 14 ކްލަބްގެ ތެރެއިން 12 ކްލަބުން ވޯޓުދިނީ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ނިއު ރޭޑިއަންޓާއި އެއްކޮޅަށް ވޯޓް ދިނީ ވިކްޓަރީ އާއި މަހިބަދޫ އެވެ.

އަދި މީގެ އިތުރުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިއު ރޭޑިއަންޓަށް ކުޅުނު ބިދޭސީ ކޯޗުންނާއި ގިނަ ކުޅުންތެރިންތަކެއް ވަނީ މުސާރައިގެ މައްސަލަ ފީފާއަށް ހުށައަޅާފައެވެ. އަދި އޭގެ ތެރެއިން ތިން މައްސަލައެއް ފީފާއިން ވަނީ ނިންމާފައެވެ. އެގޮތުން އެ ޓީމަށް ކުޅުނު އަފްޣާނިސްތާނުގެ ކުރީގެ ކެޕްޓަން އަމީރީގެ މައްސަލަ ނިންމުމަށްފަހު ފީފާއިން ނިއު ރޭޑިއަންޓަށް އަންގާފައިވަނީ 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ތިން ސީޒަނަށް ކުޅުންތެރިންގެ ޓްރާންސްފަރ ބާޒާރުގައި ހަރަކާތްތެރިނުވެވޭނެކަމަށެވެ.

އެހެންކަމުން ނިއު ރޭޑިއަންޓުން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދިން ނަމަވެސް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވާ ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލައިގެން ނޫން ގޮތަކަށް އެ ކްލަބަށް ފުޓްބޯޅައިގެ ކަމެއްގައި ދެން ހަރަކާތްތެރިއެއް ނުވެވޭނެވެ.

ނިއުގެ ބަދަލުގައި ޓީމެއް ހިމެނިދާނެ ތޯ!؟

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކްލަބެއް ރެލިގޭޓްވުން ނުވަތަ ކްލަބެއް ބައިވެރި ނުވެއްޖެނަމަ އެ ޖާގަ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެހެން ކްލަބަކަށް ދެވިދާނެއެވެ. ނަމަވެސް ނިއުގެ މައްސަލަ އޮތީ މުޅިން ތަފާތުކޮށެވެ. އެގޮތުން މިސާލަކަށް އެފްއޭއެމް އިން އެހެން ކްލަބަކަށް އެ ފުރުސަތު ދީފައިވަނިކޮށް ނިއުއިން ކުޅުންތެރިންގެ މުސާރަ ހަލާސްކޮށް އެކްސްޓްރާ އޯޑިނަރީ ކޮޮންގްރެސްއެއް ބާއްވާ ސަސްޕެންޝަން އުވާލައިފިނަމަ އެ ކްލަބަށް މުބާރާތްތަކުގައި ވާދަކުރުމުގެ ހައްގު ލިބިގެންދާނެއެވެ.

Copyright © 2024 Maldives Football