× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ދިހަ ކުޅުންތެރިންނާއެކު މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި

19 އެޕްރީލް 2017

ކޮލްކަޓާ، އިންޑިޔާ - އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާގެ މޯހަން ބަގާން އާއި ދެކޮޅަށް މާޒިޔާ މިއަދު ކުޅުނު މެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގްރޫޕް އީ ގެ ދެވަނަ މަގާމް ހޯދައިފިއެވެ.

މި މެޗުން މޮޅުވުމާއެކު މާޒިޔާއަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ލިބިފައެވެ. އެއްވަނައިގައި އޮތް ބެންގަލޫރު އެފްސީއަށް ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. މުބާރާތުގެ ދެވަނަ ބުރަށް ހޮވޭނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނައަށް ދާ ޓީމެކެވެ.

މޯހަން ބަގާން އާއި ދެކޮޅަށް މާޒިޔާ ކުޅުނު މެޗްގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗްގެ 34 ވަނަ މިނިޓްގައި މާޒިޔާއަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު އުމެއިރު އެވެ. އުމެއިރު މި ލަނޑު ކާމިޔާބު ކުރުމުގެ ކުރިންވެސް އުމެއިރު އާއި ޔަސްފާދުގެ އިތުރުން ރަކިޗް އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ.

މި މެޗުގެ ފަހު ހަތަރު މިނިޓް މާޒިޔާއިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މޯހަން ބަގާންގެ އަޒުހަރުއްދީން އަށް ފައުލް ކުރުމުން ދެއްކި ދެވަނަ ރީނދޫ ކާޑާއެކު މިލޮސް ކޮވަސެވިޗް އަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މި މެޗުގައި މޯހަން ބަގާންއަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އެޓީމަށް މިއަދު ހިފޭ ގޮތް ވަނީ ނުވެފައެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި މޯހަން ބަގާން އާއި ދެކޮޅަށެވެ.

Copyright © 2024 Maldives Football