× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން: ގައުމީ ކޯޗު

29 މާރޗް 2017

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ފަލަސްތީން އަތުން 3-0 އިން ދިވެހިރާއްޖެ ބަލިވުމުގެ ޒިންމާ ނަގާ ކަމަށް ގައުމީ ޓީމުގެ ކޯޗު ޑެރަން ސްޓުވާޓް ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ފަލަސްތީން އަތުން ރާއްޖެ ބަލިވީ މެޗުގެ ދެވަނަ ހާފުގައި ފަލަސްތީނުން ޖެހި ލަނޑުތަކުންނެވެ. މުޅި މެޗުގައި ވެސް ރާއްޖެ އަށް ފަލަސްތީންގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ނުދެވެ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ގައުމީ ކޯޗު ސްޓުވާޓް ބުނީ މެޗުން ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އެނާ ކަމަށެވެ.

"ކުޅުންތެރިން މި މެޗުގައި ކުރި މަސައްކަތާމެދު ވަަރަށް ހިތްހަމަޖެހޭ. މިއީ ކުޅުންތެރިން އަދި އެފްއޭއެމްގެ މައްސަލައެއް ނޫން. މި ނަތީޖާގެ ޒިންމާ ނަގާނީ އަހަރެން،" ސްޓުވާޓް ބުންޏެވެ.

ސްޓުވާޓް ބުނީ މެޗުގައި އޭނާ އަށް ހެދުނު އެންމެ ބޮޑު ގޯހަކީ ޓެކްޓިކަލް ބަދަލުތަައް ލަސްކުރެވުން ކަމަށެވެ.

"ކުޅުންތެރިން ވަރުބަލި ނުވަނީސް އަހަރެން ބައެއް ޓެކްޓިކަލް ބަދަލުތައް ގެނައި ނަމަ ނަތީޖާ ތަފާތުވުމުގެ ފުުރުސަތު ބޮޑު. ޓެކްޓިކަލް ބަދަލުތައް ލަސްކުރުމަކީ އަހަންނަށް މި މެޗުގައި ހެދުނު މިސްޓޭކެއް،" ސްޓުވާޓް ބުންޏެވެ.

ސްޓުވާޓް ބުނީ މި މެޗު އެނަލައިޒްކޮށް، މި މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރާނެ ކަމަށެވެ.

Copyright © 2024 Maldives Football