ބޮންޑާ ހާއްސަ ވަނީ ކީއްވެ!؟
04 މާރޗް 2017
ބަންގްލަދޭޝްގައި އިއްޔެ ނިމިގެންިދޔަ ޝެއިހް ކަމާލް އިންޓަރނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އިން ހޯދިއިރު އެންމެ ބޮޑު އުފަލެއް ލިބިގެންދާނެ އެއް ކުޅުންތެރިޔަކީ ހަމަ ޔަގީނުންވެސް އެޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި ޝާމްވީލް ގާސިމް (ބޮންޑާ) އެވެ.
ޓީސީ ސްޕޯޓްސް ކްލަބް އިން މިމުބާރާތް ކާމިޔާބުކޮށްފައިވަނީ ދެކުނު ކޮރެއާގެ ޕޮޗެއޮން ސިޓީޒަން އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 6-4 ގެ ނަތީޖާއަކުންނެވެ.
ދޮޅު އަހަރެއްހާ ދުވަހު ފުޓްބޯޅަ އާއި ދުރުގައި ހުރުމަށްފަހު މިދިޔަ އަހަރު ޓީސީ ސްޕޯޓްސް އާއި ގުޅުނު ބޮންޑާ ވަނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައިވެސް ޓީސީން ހޯދީ ކާމިޔާބީތަކުގެ މުހިންމު ދައުރެއް އަދާކޮށްފައެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ މަގާމް ޓީސީން ހޯދިއިރު ބޮންޑާ ވަނީ މޮޅު ކުޅުމެއް އެޓީމުގައި ދައްކާފައެވެ. އަދި މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ގަދަ ފަހެއްގައިވެސް ބޮންޑާ ވަނީ ހިމެނިފައެވެ.
ފަހަކަށް އައިސް ގަލޮޅު ދަނޑުން ފެނުނު އެންމެ ހުނަރުވެރި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ބޮންޑާ ހާއްސަ ވާ ސަބަބަކީ ބައިނަލްއަގްވާމީ މުބާރާތްތަކުން ދެ ރަން މެޑަލް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔަކަށް ބޮންޑާ ވެފައިވާތީއެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ހޯދި ޓީމުގައި ހިމެނުނު ބޮންޑާ ވަނީ އިއްޔެ ޓީސީން ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ކާމިޔާބު ކުރި ޓީމުގައިވެސް ހިމެނިފައެވެ.
މޯލްޑިވްސްފުޓްބޯލް އަށް މިރޭ ވާހަކަ ދައްކަމުން ބޮންޑާ ބުނީ އެއީ މިވަގުތަށް އޭނާއަށް ލިބިފައިވާ ޝަރަފެއް ނަމަވެސް އެކަން ބަދަލުވާން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.
"މިވަގުތު އަޅުގަނޑަށް އެޝަރަފު ލިބިފައި އޮތް ނަމަވެސް އެކަން ބަދަލުވާން މާގިނަ ދުވަހެއް ނުނަގާނެ. ޓީސީގައި މިތިބަ ކުޅުންތެރިންނަކީ ކައިރި މުސްތަގްބަލެއްގައި ރަން މެޑަލް ކަރުގައި އަޅާނެ ކުޅުންތެރިންކަން އެމީހުންވަނީ ސާބިތުކޮށްދީފަ." ބޮންޑާ ބުންޏެވެ.
"މިއީ އަޅުގަނޑު އެކަނި ހޯދި ކާމިޔާބީއެއް ނޫން. މިއީ އަޅުގަނޑާއިއެކު ކުޅުނު ހުރިހާ ކުޅުންތެރިންނާއި ޖުމްލަކޮށް މުޅި ޓީމުގެ މަސައްކަތް. ޓީސީއަށް ލިބެމުންދާ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީވެސް ޓީމެއްގެ ގޮތުގައި ކުޅުން. މިއީ ނަން މަޝްހޫރު ވަކިވަކި ކުޅުންތެރިންނަށް ބަރޯސާވެފަ އޮތް ޓީމެއް ނޫން." ޓީސީ އާއި އެކު މިރޭ މާލެ އައިސް ބޮންޑާ ބުންޏެވެ.
އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިން 2001 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ބޮންޑާ ވަނީ އޭގެ ފަހުން ވެލެންސިއާ އާއި ނިއު ރޭޑިއަންޓްގެ އިތުރުން ވީބީ އައްޑޫ އެފްސީ އަށް ވެސް ކުޅެފައެވެ.