× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެންމެ ކާމިޔާބު ދިވެހި ކޯޗަކީ ކޮބާ؟

18 ފެބުރުއަރީ 2017

ދިވެހި ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު ދިވެހި ކޯޗަކީ ކޮބައިތޯ ސުވާލު ކޮށްފިނަމަ ގިނަ ބައެއްގެ ދުލުން އެންމެ ފުރަތަމަ އަޑުއިވިގެންދާނެ ތިން ނަމަކީ ވިކްޓަރީގެ ކުރީގެ ތިން ކޯޗުން ކަމުގައިވާ އަބްދުލް ޖަލީލު (އަބުޖީ) އާއި މައުރޫފް އަހުމަދު (މާއްޓޭ) ގެ އިތުރުން އަލީ ސުޒޭން އެވެ.

ފުޓްބޯޅަ އަށް ލޯބި ކުރާ ނުވަތަ ފުޓްބޯޅައިގެ ކަންކަން ގާތުން ބަލާ ފަރާތްތަކުން މި ތިން ނަން އެހާ ފަސޭހައިން ބުނާނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ތިން ކޯޗުން ވަނީ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތްތަކުގެ 33 ތަށި އެކި ޓީމުތަކަށް ހޯދަދީފައެވެ. އެގޮތުން ވިކްޓަރީގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި ބެލެވޭ މާއްޓޭ ވަނީ އެކި ކްލަބްތަކާއިއެކު 13 ތަށި ހޯދާފައެވެ. އަލީ ސުޒޭން 11 ތަށި ހޯދާފައިވާއިރު އަބުޖީ ވަނީ 9 ތަށި ހޯދާފައެވެ. މިއީ ދިވެހި އެއްވެސް ކޯޗަކަށް އަދި ތަށިތައް ހޯދިފައިވާ އަދަދުތަކެއް ނޫނެވެ.

މާއްޓޭގެ އިރުޝާދުގެ ދަށުން ވިކްޓަރީ އާއި ވެލެންސިއާގެ އިތުރުން އައިއެފްސީން މުބާރާތްތައް ކާމިޔާބުކޮށްފައިވާއިރު އަބުޖީ ހޯދާފައިވާ ހުރިހާ ތަށްޓެއްވެސް ހޯދާފައިވަނީ ވިކްޓަރީ އާއިއެކުގައެވެ. އަދި އަލީ ސުޒޭންގެ ކާމިޔާބީ ހިއްސާ ކުރަނީ ވިކްޓަރީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

މާއްޓޭ ވިކްޓަރީ އާއެކު 11 ތަށި ހޯދާފައިވާއިރު ވެލެންސިއާ އާއެކު 1 ތަށި އަދި އައިއެފްސީ އާއެކުވެސް ވަނީ 1 ތަށި ހޯދާފައެވެ. ގައުމީ މުބާރާތުގެ ތަށި 5 ފަހަރު މާއްޓޭ ހޯދާފައިވާއިރު އަބުޖީ ވަނީ 7 ފަހަރު ގައުމީ ތަށި ހޯދާފައެވެ. އަދި ސުޒޭން އަށް ގައުމީ ތަށި ހޯދިފައިވަނީ 4 ފަހަރެވެ.

ފުރަތަމަ ޑިވިޝަނުގެ މުބާރާތްތައް ކާމިޔާބުކޮށްފައިވާ އެހެން ދިވެހި ކޯޗުންނަށް ބަލާއިރު، ދެން އެންމެ ގިނައިން ތަށި ހޯދާފައިވާ ކޯޗުންނަކީ 2 މުބާރާތް ކާމިޔާބުކޮށްފައިވާ މޫސާ މަނިކު (ކުޑަ މޫސަ) އާއި މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އަދި މުހައްމަދު އިގްބާލް، އިހްސާން އަބްދުލް ޣަނީ (ސާންތި)، އަހުމަދު ސަލީމް (ބޮޑު ހީނާ)، އަހުމަދު ނިޔާޒް (ނިޔާ) އަހުމަދު މުޖްތަބާ (ފެސްކޯ)، އިސްމާއިލް މަހްފޫޒް (އިންމަ) އަދި އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އަށް ހޯދިފައިވަނީ އެންމެ ތަށްޓެކެވެ. އެހެންކަމުން މި ތިން ކޯޗުން ހޯދާފައިވާ ކާމިޔާބީ ހޯދުމަށް ދިވެހި އެހެން ކޯޗުންނަށް އަދި އަހަރުތަކެއް ނަގާނެއެވެ.

މާއްޓޭ އާއި އަބުޖީ ކޯޗިން ދާއިރާއިން މިހާރު ފެނިގެންނުދާއިރު ސުޒޭން މިވަނީ އިތުރު އަހަރަކަށް ވިކްޓަރީގެ ކޯޗް ކަމާއި ހަވާލުވެފައެވެ. އެހެންކަމުން ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ދިވެހި ކޯޗަށް ވުމުގެ ފުރުސަތު އަދިވެސް ސުޒޭން އަށްވަނީ ހުޅުވިފައެވެ.

މާއްޓޭ އާއި އަބުޖީގެ އިރުޝާދުގެ ދަށުން ކޯޗިންއަށް ނިކުމެ ސުޒޭން ހޯދާފައިވާ ކާމިޔާބީތަކަކީ އޭނާއަށް ތައުރީފް ހައްގު ކާމިޔާބީތަކެކެވެ. އަދި ހުދު އަބުޖީ އާއި މާއްޓޭ ވެސް ވަނީ ސުޒޭނަށް އިތުބާރު އޮތްކަމަށް ބުނެ ބައެއް މީޑިޔާތަކުގައި ވާހަކަ ދައްކާފައެވެ.

Copyright © 2024 Maldives Football