× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ރާއްޖެ ބަލިކޮށް ސީރީޔާ ވޯލްޑްކަޕް ކޮލިފައިންގެ ތިންވަނަ ބުރާއި ގާތަށް

04 ޖޫން 2021

ޝާރުޖާ، ޔޫއޭއީ - ސީރިޔާއަށް ލިބުނު ތިން ޕެނަލްޓީއާއެކު ރާއްޖެ އާއި ދެކޮޅަށް ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި ކުޅުނު މެޗް 4-0 ގެ ނަތީޖާއަކުން ސީރިޔާއިން ކާމިޔާބުކޮށްފި އެވެ.

މި މެޗުން ސީރިޔާ މޮޅުވުމާއެކު ސީރިޔާ ވަނީ ކޮލިފައިންގެ ގްރޫޕް އޭ ގައި މިހާތަނަށް ކުޅުނު 6 މެޗުން 18 ޕޮއިންޓް ހޯދާފައެވެ. ރާއްޖެއަށް 6 މެޗުން ލިބިފައިވަނީ 6 ޕޮއިންޓާއެކު ގްރޫޕްގެ ހަތަރުވަނަ އެވެ. ދެވަނައިގައި އޮތް ޗައިނާ އަށް 5 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އިތުބާރު ފޯވަޑް އަލީ އަޝްފާގު ނުލައި ކުޅުނު މިމެޗްގެ ފުރަތަމަ 29 މިނިޓްއިން ރާއްޖެއިން ވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އިބްރާހިމް މަހުދީ ކައުންޓަރ އެޓޭކެއެގައި ފޮނުވާލި ހަމަލަ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޑިފެންސަށް އިސްކަންދީގެން ރާއްޖެއިން ކުޅުނު މި މެޗްގައި ސީރީއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 29 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަލް މަވާސް އެވެ.

އަދި އޭގެ ހަތަރު މިނިޓް ފަހުން ސީރިޔާއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ އޮސްމާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ސީރިޔާ އިން ވަނީ މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން މެޗްގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑަކީ ވެސް އޭރިޔާ ތެރެއިން ސަމޫހު އަތުގައި ބޯޅަ ޖެހުމުުގެ ސަބަބުން ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ. މި ލަނޑު ސީރިޔާ އަށް ކާމިޔާބުކޮށްދީފައިވަނީ އަލް މަވަސް އެވެ.

ޔޫއޭއީގެ ރެފްރީ އަލް ޖެނެއިބީ ވަނީ މެޗްގެ 71 ވަނަ މިނިޓްގައި ޕެނަލްޓީ އޭރިޔާ ތެރެއިން ސައިފް ކުރި ފައުލަކާއި ގުޅިގެން އިތުރު ޕެނަލްޓީ އެއް ސީރިޔާ އަށް ދީފައެވެ. މިއީ މި މެޗްގައި ސީރިޔާ އަށް ލިބުނު ތިންވަނަ ޕެނަލްޓީ އެވެ. މި ޕެނަލްޓީ ސީރިޔާއަށް ކާމިޔާބުކޮށްދީ އަލް މަވާސް ވަނީ ހެޓްރިކެއް ހަދާފަ އެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވާން 6 މިނިޓަށް ވެފައިވަނިކޮށް ސީރިޔާގެ އަޖާން އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ކޮލިފައިންގައި ސީރިޔާ ގުއާމް އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ކޮލިފައިންގެ ތިންވަނަ ބުރުގެ ޖާގައެއް ކަށަވަރުވެގެންދާއިރު އެ ޓީމަށް އޭޝިއަން ކަޕްގެ ޖާގައެއްވެސް ލިބިގެންދާނެ އެވެ.

ކޮލިފައިންގައި ރާއްޖެ ދެން ކުޅޭނީ ޗައިނާ އާއި ފިލިޕީންސް އާއި ދެކޮޅަށެވެ.

Copyright © 2024 Maldives Football