ކޮލިފައިންގ މެޗްތައް ޗައިނާއިން ދުބާއީއަށް ބަދަލުކޮށްފި
31 މޭ 2021
މާލެ، ދިވެހިރާއްޖެ - ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ގްރޫޕް އޭ ގެ ފަހު މެޗުތައް ޗައިނާގައި ސެންޓަރަލައިޒްކޮށް ކުޅެން އޮތް ނަމަވެސް އެ މެޗްތައް ދުބާއީ އަށް ބަދަލު ކުރުމަށް ޗައިނާގެ ފުޓްބޯލް ފެޑަރޭޝަނުން ނިންމައިފި އެވެ.
ޗައިނާއިން މި ގޮތަށް ނިންމާފައިވަނީ ރާއްޖެ އާއި ސީރިޔާ އަދި ފިލިޕީންސް އިން ޗައިނާއަށް ދިއުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓްތަކުން އަދި މި ތިން ޓީމުގެވެސް ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުންނެވެ. ރާއްޖެ އާއި ސީރިޔާ ދުބާއީގައި ކޭމްޕްކޮށްފައިވާއިރު ފިލިޕީންސްގެ ޓީމު ކޭމްޕް ކޮށްފައިވަނީ ޤަތަރުގަ އެވެ. އަދި މި ގްރޫޕްގައި ދެން ހިމެނޭ ޗައިނާ އާއި ގުއާމް މިވަގުތު ތިބީ ޗައިނާގެ ސޫޒޫގަ އެވެ. އަދި އިއްޔެ މި ދެޓީމު ވަނީ ކޮލިފައިންގެ މެޗްތައް އަލުން ފެށި ފަހުން ފުރަތަމަ މެޗް ކުޅެފައެވެ. މި މެޗް ޗައިނާ އިން ކާމިޔާބުކޮށްފައިވަނީ 7-0 ގެ ނަތީޖާއަކުންނެވެ.
ކޮލިފައިންގެ މެޗްތައް ދުބާއީ އަށް ބަދަލު ކުރުމަށް ނިންމާފައިވާއިރު ރާއްޖެ އާއި ޗައިނާ ޖޫން މަހުގެ 3 ވަނަ ދުވަހު ކުޅެން އޮތް މެޗް އެހެން ތާރީޚަކަށް ބަދަލު ކުރާނެކަމަށް މޯލްޑިވްސްފުޓްބޯލްއަށް ވަނީ މައުލޫމާތު ލިބިފައެވެ. ޗައިނާގެ ޓީމު ދުބާއީއަށް ދަތުރު ކުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓްތަކުގެ އިތުރުން އެހެނިހެން ކަންތައްތައް ފުރިހަމަ ކުރަންޖެހޭތީ އެ މެޗް 3 ޖޫންގައި ކުޅެވޭނެ ކަމަށް ޤަބޫލުނުކުރެވެއެވެ.
އިއްޔެ ކުރިއަށްދިޔަ އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޗައިނާގެ ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިތުރުން ފިލިޕީންސާއި ސީރިއާ ޓީމަށް ވެސް ޗައިނާ އަށް ދެވެން ނެތް ކަަމަށާއި މީގެ ސަބަބުން މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް މެޗުތައް ކުރިއަށް ގެންދަން އުނދަގޫތަކެއް އެބަހުރި ކަމަށެވެ.
"މި ޓީމުތަކަށް ޗައިނާ އަށް ނޭރެވޭ ގޮތަށް ޗައިނާ ސަރުކާރުން މިވަތު ކަނޑައަޅާފައި އޮތީ. އަދި ޗައިނާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ޗައިނާ ސަރުކާރާ މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން. އޭއެފްސީން ވަރަށް އަވަހަށް އެންމެ ލަސްވެގެން މާދަމާ ގޮތެއް ނިންމާނެ ކަމަށް ބެލެވޭ" ބައްސާމް ވިދާޅުވި އެވެ.
ކޮލިފައިންގައި ގައުމީ ޓީމު ދެން ކުޅެން ޖެހޭނީ ޗައިނާ އާއި ސީރިޔާގެ އިތުރުން ފިލިޕީންސް އާއި ދެކޮޅަށެވެ.