× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ވޯލްޑް ކަޕް ކޮލައިންގ މެޗްތައް އަނެއްކާވެސް ފަސްކޮށްފި

20 ފެބުރުއަރީ 2021

ކުއަލަލަމްޕޫރު، މެލޭޝިއާ - ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް މިހާރު މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަނެއްކާވެސް ފަސްކޮށްފި އެވެ.

ކޮލިފައިންގެ މެޗްތައް ތިންވަނަ ފަހަރަށް ފަސްކޮށް އެކަން ހާމަކުރުމުގެ ގޮތުން އޭއެފްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ މަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން ހަތަރު މެޗެއް ފިޔަވައި އެހެން ހުރިހާ މެޗެއް ކުޅޭނީ އަންނަ ޖޫން މަހު ކަމަށެވެ.

އަންނަ މަހު ކުޅޭ ގޮތަށް އޭއެފްސީން ޝެޑިއުލްކޮށްފައިވާ ހަތަރު މެޗަކީ ސައުދީ އަރަބިއްޔާ އިން ޔަމަނާ ދެކޮޅަށް ކުޅޭ މެޗާއި ނޭޕާލުން އެ ގައުމުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗާއި ތަޖިކިސްތާނާއި މޮންގޯލިއާ ބައްދަލުކުރާ މެޗުގެ އިތުރުން މޮންގޯލިއާ އާއި ޖަޕާން ކުޅޭ މެޗެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ކޮލިފައިންގެ ބާކީ މެޗުތައް ހޯސްޓް ކުރަން ބޭނުންވާ ގައުމުތަކުން ބިޑް ކުރުމަށް އޭއެފްސީން ވަނީ އިއްޔެ ހުޅުވާލައިފަ އެވެ. ސެންޓްރަލައިޒްކޮށް ކުރިއަށްގެންދާނަމަ މެއި 31 އިން ޖޫން 15 ގެ ނިޔަލަށް މެޗުތައް ނިންމާލެވޭނެކަމަށް އޭއެފްސީން ވަނީ ބުނެފައެވެ.

ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ބާކީ ހުރި މެޗުތައް ޗައިނާގައި ކުޅުމަށް ނިންމާފައިވާކަމަށް އެ ޤައުމުގެ މީޑިޔާތަކުންވަނީ ރިޕޯޓްކޮށްފަ އެވެ. ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަން އިން މިހާރު ހުށަހަޅާފައިވާ ޝެޑިއުލްގައިވާ ގޮތުން ގްރޫޕް އޭގެ ބާކީ މެޗުތައް ޝަންހާއީގައި ކުރިއަށްގެންދާނީ ޖޫން 3 އިން ޖޫން 15 ގެ ނިޔަލަށެވެ.

ކޮލިފައިންގަިއ ރާއްޖެ އޮތީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

Copyright © 2024 Maldives Football