× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ޔޫވީ ބަލިކޮށް ޗެމްޕިއަން މާޒިޔާއިން ފެށުން ރަގަޅުކޮށްފި

13 ޑިސެމްބަރ 2020

މާލެ، ދިވެހިރާއްޖެ - ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން 4-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް މި ފަހަރުގެ ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މެޗް ފަށައިގެން މާޒިޔާއަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ޔުނައިޓެޑް ވިކްޓަރީގެ ގޯލު ހުޅުވާލެވިފައިވަނީ މެޗްގެ 35 ވަނަ މިނިޓްގައި މުހައްމަދު އުމެއިރު ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ އިބްރާހިމް މަހުދީ ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާ ތެރެއިން އުމެއިރު ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މެޗްގައި މާޒިޔާއިން ޖެހި ދެވަނަ ލަނޑު ފުރަތަމަ ހާފްގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިފައިވަނީ ޑިފެންޑަރ އަމްދާން އަލީ އެވެ. އަމްދާން މި ލަނޑު ކާމިޔާބުކޮށްފައިވަނީ އައިސަމް ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މާޒިޔާއިން ރަގަޅަށް ކުޅެ ގިނަ ހަމަލަތަކެއް އުފައްދާފައިވާ މި މެޗްގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑު މެޗްގެ 66 ވަނަ މިނިޓްގައި އެ ޓިމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

އަސަދުﷲ ވަނީ އޭގެ ފަސް މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

ލީގުގައި މިރޭ ބައްދަލުކުރާނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި ކްލަބް އީގަލްސް އެވެ.

Copyright © 2024 Maldives Football