× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް ފަސްކޮށްފި

21 މާރޗް 2020

މާލެ، ދިވެހިރާއްޖެ - ކުރިއަށް އޮތް ދައުރަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމިޓީގެ އިންތިހާބީ ކޮންގްރެސް ފަސްކޮށްފި އެވެ.

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އިންތިހާބީ ކޮންގްރެސް އެންމެ ފަހު ވަގުތު ފަސްކޮށްފައިވަނީ ފީފާ އާއި އޭއެފްސީގެ އެދުމުގެ މަތިން ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ. އަދި ހާލަތު ރަނގަޅުވަންދެން ކޮންގްރެސް ފަސްކުރަން ނިންމާފައިވާ ކަމަށާއި ކޮންގްރެސް ދެން އޮންނާނެ ތާރީހަކާއި ގަޑިއެއް ފަހުން އަންގާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ އިންތިހާބު މިފަހަރު މި ބާއްވަނީ އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިންނެވެ. މި ފަހަރުގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މިހާރުވެސް ރައީސްގެ ގޮތުގައި ހުންނެވި ބައްސާމް އަދީލް ޖަލީލު އެކަންޏެވެ.

އަލަށް އިންތިޚާބު ކުރާ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ އެހެން މަގާމްތަކަށް މެމްބަރުން ނޮމިނޭޓްކުރާނީ ރައީސް އެވެ. އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ހުށަހަޅުއްވާފައިވަނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ދެވަނަ ނައިބް ރައީސަކަށް ހުށަހެޅުއްވީ މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) ގެ ނަމެވެ.

އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ ގޮތުގައި ހުށަހެޅުއްވީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު އާއި މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް އާއި މުހައްމަދު ޝިފާއުގެ ނަމެވެ.

Copyright © 2024 Maldives Football