× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އޭއެފްސީ ކަޕް: ބެންގަލޫރު ބަލިކޮށް މާޒިޔާ ގްރޫޕް ސްޓޭޖަށް

27 ފެބުރުއަރީ 2020

ބެންގަލޫރު، އިންޑިޔާ - އޭއެފްސީ ކަޕް ޕްލޭއޮފުގެ ދެ ވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާގެ ބެންގަލޫރު އެފްސީ 4-3 އިން ބަލިކޮށް ރާއްޖޭގެ މާޒިޔާ އިން މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފި އެވެ.

ބުދަ ދުވަހު ބެންގަލޫރުގައި ކުޅުނު މި މެޗްގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ބެންގަލޫރު އޮތީ 3-2 އިން ކުރީގަ އެވެ. އެކަމަކު ފުރަތަމަ ލެގުން މާޒިޔާ 2-1 އިން މޮޅުވެފައިވާތީވެ ދެ ޓީމު 4-4 ގެ އެގްރިގޭޓުން އެއްވަރުވީ އެވެ. އެ ހާލަތުގައި ރަށުން ބޭރުގައި ޖެހި ގޯލްތަކުން މާޒިޔާ އަށް ކުރި ލިބެ އެވެ. ނަމަވެސް އިތުރު ވަގުތުގައި ޖަހާ ލަނޑު، އަވޭ ގޯލުގެ ގޮތުގައި ނުގުނާތީ، ދެ ޓީމު އެގްރިގޭޓުން ތަފާތު ކުރެވޭނެ ގޮތެއް ނެތުމުން ޕެނަލްޓީ ޖަހަން ޖެހުނީ އެވެ.

މާޒިޔާގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައިވަނީ ހަމްޒާ މުހައްމަދު، އިބްރާހިމް އައިސަމް، އިބްރާހިމް ވަހީދު އަދި ހުސެއިން ނިހާން އެވެ. ޝާރިފް މުހައްމަދު އަދި ޕީޓަރ ޕެލަނިޗް އަތުން ޕެނަލްޓީ ވަނީ ބޭކާރުވެފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވި ނަމަވެސް ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ގިނައިރުތަކެއް ނުވަނީސް ބެންގަލޫރުގެ ޑެޝޯން ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.

މާޒިޔާ އިން އެއްވަރުކޮށްފައިވަނީ މެޗުގެ 74 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. ބެންގަލޫރަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ 81 ވަނަ މިނިޓްގައި ސުނިލް ޗެތުރީ އެވެ. ބެންގަލޫރު 2-1 އިން ކުރީގައި އޮވެ ނިމި އެގްރިގޭޓް ވެސް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ. އިތުރު ވަގުތުގައި މާޒިޔާގެ ކޯނެލިއަސް ސްޓެވާޓް އެއްވަރުކޮށްދީފައިވަނިކޮށް ބެންގަލޫރަށް އަނެއްކާވެސް ކުރި ހޯދައިދިނީ ހިލޭ ޖެހުމަކުން ޗެތުރީ ޖެހި ގޯލުންނެވެ.

Copyright © 2024 Maldives Football