× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ޗައިނާ-ރާއްޖެ މެޗް ތައިލެންޑްގައި ކުޅެން ނިންމައިފި

23 ފެބުރުއަރީ 2020

މާލެ، ދިވެހިރާއްޖެ - ފީފާ ވޯލްޑް ކަޕް 2022 އާއި އޭޝިއަން ކަޕު 2023 ގެ ޖޮއިންޓް ކޮޮލިފައިންގައި ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަސް ގެ ސަބަބުން ތައިލެންޑަށް ބަދަލުކޮށްފި އެވެ.

އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ ލަފާގެ މަތިން ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނުން އެދުނު ގޮތަށް ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު ތައިލެންޑުގައި ކުޅޭގޮތަށް ހަަމަޖައްސާފައިވާ ކަމަށެވެ. ޗައިނާގެ މީޑިޔާތަކުން މި މެޗް ކުޅޭނީ ސަޕޯޓަރުން ނުވައްދާ ކަމަށް ރިޕޯޓުކުރި ނަމަވެސް އެކަމާއި ގުޅޭ ގޮތުން ފީފާއިންވެސް އަދި އޭއެފްސީންވެސް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ރާއްޖެއާއި ދެކޮޅަށް ޗައިނާ ކުޅޭ މެޗްގެ އިތުރުން ގުއާމްއާއި ދެކޮޅަށް ހޯމްގައި ކުޅެން އޮތް މެޗްވެސް ތައިލެންޑްގައި ކުޅެން ނިންމާފައިވާއިރު މި ދެމެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބުރިރަމްގައި ހުންނަ ޗޭންގް އެރީނާ ގައެވެ.

ކޮލިފައިންގައި ސެޕްޓެމްބަރު މަހު މާލޭގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބަލިވީ 5-0 އިންނެވެ. އޭރު ޗައިނާގެ ކޯޗަކަށް ހުރީ އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީ އެވެ. ނަމަވެސް ލިއްޕީވަނީ އެ މެޗަށްފަހު އިސްތިއުފާ ދީފައެވެ. އަދި ރާއްޖޭގެ ކޯޗަކަށް އޭރު ހުރި ޕީޓަރ ސެގަޓް މަގާމުން ދުރުކޮށް ދާދިފަހުން ވަނީ ރާއްޖޭގެ ކޯޗަކަށް ނެދަލޭންޑްސްގެ މާޓިން ކޫޕްމަން ހަމަޖައްސާފައެވެ.

Copyright © 2024 Maldives Football