× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އީސަގެ ދެ ލަނޑާއެކު ޔޫވީ އަތުން ޓީސީ މޮޅުވެއްޖެ

25 ޖޫން 2019

މާލެ. ދިވެހިރާއްޖެ - ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ޔުނައިޓެޑް ވިކްޓަރީ އާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ބައްދަލު ކުރި މެޗް 2-0 ގެ ނަތީޖާ އަކުން ޓިސީ ސްޕޯޓްސް އިން ކާމިޔާބުކޮށްފި އެވެ. މި މެޗްގައި ޓީސީން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިސްމާއިލް އީސާ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗްގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗްގެ ހަތަރު ވަނަ މިނިޓްގައި އިޝާން އިބްރާހިމް އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާޅި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރުވެފައެވެ.

ފުރަތަމަ ހާފްގައި ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނު އެންމެ ރަގަޅު ފުރުސަތު މެޗްގެ 10 ވަނަ މިނިޓްގައި ލިބިފައިވަނީ ސިލިޗް އަށެވެ. އޭރިޔާ ތެރެއަށްވަދެ ސިލިޗް ފޮނުވާލި ހަމަލާ ޓީސީގެ ކީޕަރު އިމްރާން މުހައްމަދު ވަނީ ދިފާއުކޮށްފަ އެވެ.

އޭގެ ފަހުން ޓީސީގެ މުސްތަފާ ފޮނުވާލި ހަމަލައެއް ކީޕަރު ތޮލާލް ދިފާއުކުރިއިރު އޭގެ އިރުކޮޅެއް ފަހުން ޓީސީން ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި މެޗްގައި ފުރަތަމަ ފަހަރަށް ގޯލެއް ފެނިގެންގޮސްފައިވަނީ މެޗްގެ 70 ވަނަ މިނިޓްގައި އިސްމާއިލް އީސާގެ ފަރާތުންނެވެ. މި ގޯލަކި އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް އަކުރަމް ފޮނުވާލުމުން އޭރިޔާ ތެރެއިން ކޮންޓްރޯލް ކުރުމަށްފަހު އީސަ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އަދި މެޗްގެ ފަހު މިނިޓްގައި އީސަ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

Copyright © 2024 Maldives Football