× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އަޅުގަނޑުގެ ހުރިހާވެސް މަގުސަދަކީ ކަންކަން ރަގަޅު ކުރުން - ސުޒޭން

25 ޖޫން 2019

މާލެ، ދިވެހިރާއްޖެ - ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގްރީން ސްޓްރީޓްސް އާއި މާޒިޔާ ބައްދަލު ކުރި މެޗަށްފަހު ދެކެވުނު ވާހަކަތަކަކީ އެއްވެސް ޒާތީކަމެއް އޮވެގެން ދެއްކި ވާހަކައެއް ނޫން ކަމަށާއި އެއީ ކަންކަން ރަގަޅު ކުރުމުގެ ގޮތުން ދެއްކި ވާހަކަތަކެއް ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

ސުޒޭން ބުނީ އޭނާ އަކީ އެފްއޭއެމްގެ ރައީސް އާއި ޗެލެންޖް ކުރެވޭނެ ފަރާތެއް ނޫން ކަމަށާއި މެޗެއް ނިންމާފަ އެފަދަ ވާހަކައެއް ދައްކާއިރު އެވާހަކަ ދެއްކުނީ އެންމެ ރަގަޅަށް ނޫންކަމަށް ގަބޫލުކުރާ ކަމަށެވެ.

"އެފްއޭއެމް އަށް އެހެން ބުނަން ހައްގު. އެއީ އަޅުގަނޑަށް ބުނެވުނު ގޮތާއި އެވާހަކަ ދެއްކުނު ގޮތް އަޅުގަނޑަށް މިހާރުވެސް އެނގޭ އެހާ ރަނގަޅެއް ނޫން. އެހެން ނަމަވެސް މެޗެއް ނިންމާފަ އެކަހަލަ ވާހަކައެއް ދައްކާއިރު، ހަމަ ވަރަށް އިހުތިރާމާއެކު މިއެދެނީ ރަނގަޅަކަށް ނޫން ބުނެވުނީކީ. އަޅުގަނޑުގެ ހުރިހާވެސް މަގުސަދަކީ މީހަކާ ދިމާލަށް އެއްޗެކޭ ބުނުމަށްވުރެ އެކަންކަން ރަނގަޅު ކުރަން. މިއަދު އެކަން ހާސިލު ކުރެވުނީ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެފްއޭއެމްގެ ރައީސަށްވެސް އަދި މިކަމުގައި އުޅުނު ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން." އިގަލްސް އާއި ގްރީން ސްޓްރީޓްސް އިއްޔެ ބައްދަލުކުރި މެޗަށްފަހު ސުޒޭން ބުންޏެވެ.

"މިސާލަކަށް މިއަދުވެސް (އިއްޔެ) ވެސް އުޅުނު ޓްވީޓެއްގެ ވާހަކަވެސް. އެ ޓްވީޓާއި ގުޅިގެން އަޅުގަނޑު ރައްދު ދޭކަށް ނުޖެހޭ. އަޅުގަނޑު އެފްއޭއެމްގެ ރައީސް އާއި ޗެލެންޖް ކޮށްލެވޭނެ އެއްވެސް ފެންވަރެއް ވެސް ހައިސިއްޔަތެއްވެސް ނުހުންނާނެ. މި ރާއްޖޭގެ ހުރިހާ ފުޓްބޯޅައިގެ އިންޗާޖް އެފްއޭއެމްގެ ރައީސް އަކީ އެހެންވީމަ އޭގެ ޓްވީޓަކާ އަޅުގަނޑު ޗެލެންޖް ކޮށްފިއްޔާ އަޅުގަނޑު ވަރުގެ ދަށް މީހަކު ނުހުންނާނެ." ސުޒޭން އިތުރަށް ބުންޏެވެ.

ސުޒޭން އިތުރަށް ބުނީ އޭނާ ދައްކާ ވާހަކަތައް އަނބުރާލައިގެން ސިޔާސީ ހަބަރުތައް ގެންނަގޮތަށް ގެނައުމަކީ ރަގަޅު ކަމެއް ނޫން ކަމަށާއި އެއީ އެހާ ގަޔާވާ ގޮތެއް ނޫން ކަމަށެވެ.

"މީގަ ވާގޮތަކީ ސިޔާސީ ހަބަރު ލިޔާހެން ކުޅިވަރު ހަބަރު ލިއުނީމާ އެހާ ގަޔާވާ ގޮތެއް ނުހުންނާނެ. މިހާޜު ސިޔާސީ ހަބަރު ލިޔާހެން ކުޅިވަރު ހަބަރު ލިއުނީމާ ކުޅިވަރު ކުޅިވަރަކަށްވެސް ނުވީ. އަޅުގަނޑުމެން ދައްކާ ވާހަކަ އަނބުރާލައިގެން ސިޔާސީ ވާހަކަ ގޮތަށް ހެޑްލައިން ޖެހީމަ އަސްލު ވަރަށް ދެރަވޭ. އެއީ އަޅުގަނޑުމެން ކުޅިވަރުގަ އުޅޭއިރު ސިޔާސީ މީހުން ފަހަތުން މުގުރު ހިފައިގެން ދުވާހެން އަޅުގަނޑުމެން ފަހަތުން ދުވަން ފެށީމަ ހިތަށް މިއަރަނީ އުމުރުން ފަންސާހަށް ދިޔާއިމަ އުޅެވޭ ގޮތް ގޯސްވީބާއޭ." ސުޒޭން އިތުރަށް ބުންޏެވެ.

"އަޅުގަނޑު ފަހަތުން އެއްވެސް ނޫސްވެރިޔަކު ދުވަން އަޅުގަނޑު ކީއްތޯ ކުރީ. އަޅުގަނޑަށް ގޯސް އެއްވެސް ވާހަކައެއް ދެއްކިފަ އޮތިއްޔާމު އަދި ދެއްކިފަ އޮވެގެން މީހަކު ހިތްހަމަނުޖެހިއްޖެއްޔާމު އަޅުގަނޑު ހަމަ އިހުތިރާމާއެކު މައާފަށް އެދެން. އަޅުގަނޑު ދެކޭ ގޮތުގައި ބަދަލުތަކެއް ގެނައީ ހަމަ ގޯސްތަކެއް ހުރީމަ. އެއީ އެމީހުން ދެރަކުރަނީކީ ވެސް ނޫން އަދި އެމީހުންނާއި ޗެލެންޖް ކުރަނީކީވެސް ނޫން. މިކަން ވީމަ ފުޓްބޯޅަ މޮޅު މިވީ. ފުޓްބޯޅަ މޮޅުވާއިރު މޮޅުވާނީ އެމީހުންނާއި އަޅުގަނޑުމެންނާއެކު." ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗް ކަމުގައިވާ ސުޒޭން ބުންޏެވެ.

"އަޅުގަނޑު އެއްވެސް ހާލެއްގައި ނުބުނާނެ އަޅުގަނޑު އެހެން ބުނެގެން އެ ޖަހާކަށް ނޫންހޭ ޖެހުނީ، ނުޖެހޭ ޖަހާކަށްވެސް. ހަގީގަތަކީ ފުޓްބޯޅަ އަށް އެ ބޭފުޅުންވެސް އޮތް އިންޓަރެސްޓެއްގެ ސަބަބުން މިކަން ކުރީމަ އަޅުގަނޑު ހަމަ ސެލިއުޓް ނަގަން. ހިނގައިދާނެ އެކަހަލަ ކަމެއް. އެއީ ވެދާނެ ކަމެއް."

ކްލަބް އީގަލްސް އާއި ދެކޮޅަށް އިއްޔެ ގްރީން ސްޓްރީޓްސް ކުޅުނު މެޗް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗްގައި އީގަލްސްގެ އަހުމަދު ރިޒުވާން ލަނޑެއް ކާމިޔާބުކޮށްފައިވަނިކޮށް ގްރީން އަށް އެއްވަރުކޮށްދީފައިވަނީ މެޗްގެ ފަހު މިނިޓްގައި އަލީ އަޝްފާގް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ލީގުގައި މިއަދު ހަވީރު 4 ޖަހާއިރު ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު މިރޭ ބައްދަލު ކުރާނީ މާޒިޔާ އާއި ނިލަންދޫ އެވެ.

Copyright © 2024 Maldives Football