× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ބަލިވުމުގެ ޒިންމާ އަޅުގަނޑު ނަގަން - ސުޒޭން

19 ޖޫން 2019

މާޅެ، ދިވެހިރާއްޖެ - ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗްގައި މިއަދު މާޒިޔާ އަތުން 3-1 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސް ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް އެ ޓީމުގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

"މި ބަލިވުމުގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން ޖެހޭނެ. މީގަ އެބަހުރި ބައިވަރު ރަގަޅު ކުރަންޖެހޭ ކަންތައްތައް އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރަގަޅު ކުރާނަން." މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެޗާއިގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ސުޒޭންގެ ފާޑު ކިއުންތައް އަމާޒު ކުރަމުންވަނީ ލީގުގެ އިންތިޒާމްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

"ދެން އެހެންނަމަވެސް ތިބޭފުޅުން ހަމަ މުޅި މިތަނަށް ބަލާލީމަ އެނގޭ އަޅުގަނޑުމެން އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ އަށް މަސް ދުވަސް ބޭނުމޭ ކްލަބްތައް ރަގަޅު ކުރަން، އެފްއޭއެމް ރަގަޅު ކުރަން، މި ހުރިހާ ކަމެއް ރަގަޅު ކުރަން،. މީނދަ ބޯޑު މިހިރީ ސްޓިކާ ހިއްޕާފަ، ބޯޅަ މި ކުޅެނީ މިދިޔަ އަހަރުގެ ބާ ބޯޅައިން. އެހެންވީމަ އެއް އަހަރު ލިބުނަސް ކަން ކުރަން އުޅެގެން މިކަން ކުރެވޭނީ. މި އުޅޭނީކީ ނޭނގިގެނެއް ނޫނޭ އެއްވެސް އިހުލާސްތެރިކަމެއް ނެތީ." މެޗަށް ފަހު ސުޒޭން ހިތްހަމަނުޖެހުން ފާޅު ކުރަމުން ބުންޏެވެ.

"އަޅުގަނޑު އައިސް މި ވާހަކަ ދެއްކީމަ ބުނާނެ މިއީ ހާދަ އަނގަގަދަ މީހެކޭ. މިއީ 33 ވަނަ އަހަރު އަޅުގަނޑު ފުޓްބޯޅައިގައި. އަނގަ ގަދައީކީ ނޫން. މި ރޮސްޓްރަމް ކައިރީ އެންމެ ފުރަތަމަ ތަށްޓެއްގައި ހިފީ އަޅުގަނޑު ކަންނޭނގެ 1986 ވަނަ އަހަރު. އަޅުގަނޑުގެ އިހުސާސްތަކެއް ހުންނާނެ ދިވެހި ފުޓްބޯޅައާ މެދު އެހެންވީމަ ވާހަކަ ދެއްކެނީ،" ސުޒޭން އިތުރަށް ބުންޏެވެ.

މެޗުން ބަލިވީ ބާ ބޯޅައަކުން ކުޅުމުގެ ސަބަބުން ތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ސުޒޭން ބުނީ ތި ސުވާލު އެއް ގޮތަކަށްވެސް ބޮލަށް ނާންނަ ކަމަށާއި ނަމަވެސް ކޮންމެވެސް ވަރަކަށް ޖަވާބު ދެވޭތޯ ބަލާނެ ކަމަށެވެ.

"ބޯޅަ ބާ ވެގެން ގްރީން ސްޓްރީޓްސް ބަލިވި ވާހަކަ އެއްވެސް ހިސާބެއްގައި އަޅުގަނޑު ނުދައްކަން. އަޅުގަނޑު ބުނީ ގްރީން ސްޓްރީޓްސް ބަލިވުމުގެ ހުރިހާ ޒިންމާ އެއް ނަގަން ޖެހޭނީ ސީދާ އަޅުގަނޑު. އެކަން އަޅުގަނޑަށް މި މެޗް ދިޔަ ގޮތުން އިހުސާސް ކުރެވުނު. ބައިވަރު އަޅުގަނޑުގެ މިސްޓޭކްތަކެއް ހުރެގެން މިކަން މި ދިޔައީ. ބޯޅަ ބާ ވެގެން މިތާ ކުލަލީ ގޮތަކުން ނޫން ގްރީން ސްޓްރީޓްސް ބަލިވީ." ސުޒޭން ބުންޏެވެ.

Copyright © 2024 Maldives Football