× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ގްރީން ބަލިކޮށް މާޒިޔާގެ ފެށުން ރަގަޅު ކޮށްފި

19 ޖޫން 2019

މާލެ، ދިވެހިރާއްޖެ - ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވަރުގަދަ ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް މާޒިޔާ ކުޅުނު މެޗް 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީގުގެ ފެށުން އެ ޓީމުން ރަގަޅުކޮށްފި އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމުންވެސް ވަނީ ހޯދާފައެވެ.

މެޗްގެ ހަތަރުވަނަ މިނިޓްގައި މާޒިޔާގެ ނާއިޒް ހަސަން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ އޭރިޔާ ތެރޭގައި ހުރެ އަސަދުﷲ އަބްދުﷲ ބޮލުން ޖައްސާލި ބޯޅައެއް އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނާއިޒް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މާޒިޔާގެ ކުރިއަށް ކުޅޭ ހަލުވި ކުޅުންތެރިންގެ ނުރައްކާ ފެނިގެންގޮސްފައިވާ މި މެޗްގެ 23 ވަނަ މިނިޓްގައި މާޒިޔާގެ ނާއިޒް ހަސަން އަށް ވަނީ ލީޑު ފުޅާކުރުމަށް ރަގަޅު ފުރުސަތެއް ލިބިފައެވެ. އޭރިޔާ ތެރެއަށްވަދެ ނާއިޒް ފޮނުވާލި ހަމަލާ ކީޕަރު ލަބާން ވަނީ ދިފާއުކޮށްފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން ހަމްޒާ ފޮނުވާލި ނުރައްކާތެރި ހަމަލައެއްވެސް ލަބާން ވަނީ ދިފާއުކޮށްފަ އެވެ.

މެޗްގެ ނަތީޖާ އެއްވަރުކުރުމަށް ގްރީން ސްޓްރީޓްސް އަށް ވަނީ 37 ވަނަ މިނިޓްގައި ރަގަޅު ފުރުސަތެއް ލިބިފައެވެ. އޭރިޔާ ކައިރިން އެ ޓީމަށް ލިބުނު ހިލޭ ޖެހުން އުމެއިރު ފޮނުވާލިއިރު އެ ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

މި މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން މާޒިޔާއަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފައެވެ. ގްރީން ސްޓްރީޓްސްގެ ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު އިބްރާހިމް މަހުދީ ގޯލަށް ފޮނުވާލި ހަމަލާ ވަނީ ގޯލުގެ ދަނޑީގައި ޖެހިފައި ބޭރުވެފައެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މާޒިޔާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑަކީ އަރިމަތިން އިބްރާހިމް މަހުދީ ނަގައިދިން ހުރަސް އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހަމްޒާ މުހައްމަދު ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެޗް މެޗްގެ 60 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މި ލަނޑަކީ އަޝްފާގް ނަގައިދިން ކޯނަރު މުހައްމަދު ސާއިފް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ގްރީން ސްޓްރީޓްސް އިން ލަނޑު ޖެހިތާ މިނިޓެއްވެސް ނުވަނީސް އިބްރާހިމް މަހުދީ ވަނީ އިތުރު ލަނޑެއް މާޒިޔާ އަށް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

ގްރީޏް ސްޓްރީޓްސް އިން އިތުރު ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު،. އެންމެ ފާހަގަ ކުރެވިގެންދިޔައީ މެޗްގެ 80. ވަނަ މިނިޓްގައި އެ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލައެވެ. އޭރިޔާ ތެރޭގައި ހުރެ އަހުމަދު ރަޝީދު ފޮނުވާލި ހަމަލާ ކީޕަރު އަޒީޒީ ދިފާއު ކުރުމުން ދެވަނަ ފަހަރަށް އުމެއިރު ފޮނުވާލުމުންވެސް އަޒީޒީ ވަނީ ވަރަށް ހުށިޔާރު ކަމާއެކު އެ ހަމަލާވެސް ދިފާއުކޮށްފަ އެވެ.

ލީގުގައި މިރޭ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

Copyright © 2024 Maldives Football