× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ޕްރިމިއާ ލީގުން ނިލަންދޫ ފެނިދާނެކަމާއިމެދު ސުވާލުތަކެއް!

10 ޖޫން 2019

މާލެ، ދިވެހިރާއްޖެ - އަންނަ ހުކުރު ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގުން ފ ނިލަންދޫ ފުޓްބޯޅަ ކްލަބް ފެނިދާނެ ކަމާއިމެދު ސުވާލުތަކެއް އުފެދިއްޖެ އެވެ.

ނިލަންދޫ ލީގުން ފެނިދާނެ ކަމާއިމެދު ސުވާލު އުފެދިފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިހާރު އަމަލު ކުރަމުންދާ ކްލަބް ލައިސަންސްގެ ކަންކަން އެ ކްލަބުން ފުރިހަމަކޮށްފައިނުވާތީ އެވެ.

މޯލްޑިވްސްފުޓްބޯލް އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ކްލަބް ލައިސަންސް ފުރިހަމަ ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ނިލަންދޫ އިން ފުރިހަމަ ކޮށްފައިނުވާ ކަމަށެވެ.

"ނިލަންދޫ އިން ކްލަބް ލައިސަންސް ފުރިހަމަ ކުރުމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް އަދި ފުރިހަމަކޮށްފައެއް ނެތް. އެކަން ކުރުމުގެ އެންމެ ފަހު ދުވަހަކީ މާދަމާ." ޖަވާޒް ވިދާޅުވިއެވެ.

މޯލްޑިވްސްފުޓްބޯލް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކްލަބް ލައިސަންސްގެ ދަށުން ކްލަބްގެ ބޯޑަކީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ބޯޑަކަށް ވާންޖެހޭއިރު، އަދި އެކަން ނިލަންދޫ އިން ފުރިހަމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ކުޅުންތެރިންގެ މެޑިކަލް ކަންތައްތަކާއި ކްލަބް އޮފީސްފަދަ ކަންތައްތައްވެސް އެ ކްލަބުން ފުރިހަމަ ކޮށްފައެއް ނުވެއެވެ.

ނަމަވެސް ނިލަންދޫ ޓީމުގެ ކަންތައްތައް ބެލެހެއްޓުމުގައި އިސް ދައުރެއް އަދާ ކުރާ އަންވަރު އަލީ މޯލްޑިވްސްފުޓްބޯލް އަށް މިދު ބުނީ ކްލަބްގެ ބޯޑު ރަޖިސްޓްރީ ކުރުމަށް މިއަދު ވާނީ ހުށައަޅާފައި ކަމަށާއި އޭގެ އިތުރުން ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ.

"އަލަށް އުފެއްދި ޖަމްއިއްޔާގެ ބޯޑު ރަޖިސްޓްރީ ނުވެ އޮތީ ނަމަވެސް މިއަދު ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީ އަށް ވާނީ ހުށައަޅާފަ. އެހެން ހުރިހާ ކަމެއް މިހާރު ވާނީ ނިންމާފަ އެހެންކަމުން މާދަމާ އަށް ހުރިހާ ކަމެއް ފައިނަލްވެ ހަމަޖެހޭނެ." އަންވަރު ބުންޏެވެ.

ނިލަންދޫ އަށް ލީގުގައި ވާދަ ކުރުމުގެ ފުރުސަތާއިމެދު ސުވާލު އުފެދިފައިވާއިރު ލީގުގެ ޝެޑިއުލް ވަނީ ނިލަންދޫ ހިމެނޭ ގޮތަށް މިއަދު މީޑިޔާ އާއި ހިއްސާކޮށްފަ އެވެ.

މި އަހަރުގެ ސީޒަނުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްވެސް ނުފެންނާނެ އެވެ. ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވާދަ ކުރުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް ގެއްލުނީ ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުންނެވެ. ދިވެހި 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާގެ މައްސަލަތަކެއް ކުޅުންތެރިން އެފްއޭއެމް އަށް ހުށައެޅުމުން އެފްއޭއެމްގެ ޕްލޭޔަރސް ސްޓޭޓަސް ކޮމިޓީން އެ މައްސަލަތައް ބެލުމަށްފަހު ކްލަބަށް މުހުލަތުތަކެއްވަނީ ދީފައެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައުމުން އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް އެ ކްލަބް ވަނީ ސަސްޕެންޑްކޮށްފައެވެ.

އަދި މިދިޔަ މާޗް މަހު އޮތް އެފްއޭއެމްގެ ކޮންގްރެސް އިންވަނީ ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ދެމެހެއްޓުމަށް ފާސްކޮށްފަ އެވެ. ވޯޓްގައި ބައިވެރިވި 14 ކްލަބްގެ ތެރެއިން 12 ކްލަބުން ވޯޓުދިނީ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ނިއު ރޭޑިއަންޓާއި އެއްކޮޅަށް ވޯޓް ދިނީ ވިކްޓަރީ އާއި މަހިބަދޫ އެވެ.

Copyright © 2024 Maldives Football