× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އިމްރާން އެންމެ ފަހުން ލީގު ޗެމްޕިއަން ޓީސީ އަށް

28 މޭ 2019

މާލެ ދިވެހިރާއްޖެ - ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ކުޅޭނެ ކްލަބެއް ނުނިންމާ ގިނަ ދުވަސްތަކެއް ހުރުމަށްފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރު، އިމްރާން މުހައްމަދު ކުރިއަށް އޮތް ސީޒަނުގައި ޓީސީ ސްޕޯޓްސް އަށް ކުޅެން މިއަދު ސޮއިކޮށްފި އެވެ.

މިދިޔަ ދެ ސީޒަނުގައި ޓީސީގެ ގޯލު ބެލެހެއްޓި އަދި މިދިޔަ އަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދާފައިވާ ނޭޕާލްގެ ކިރަން ޝެމްޝޮން ދޫކޮށްލުމަށްފަހު ޓީސީން އިމްރާން ގެނެސްފައިވާއިރު ކުރިއަށް އޮތް ސީޒަނަށް އެ ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމަށް ގެންގޮސްފައިވާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ އާއި އިސްމާއިލް އީސާ ހިމެނެ އެވެ. ނަމަވެސް މިދިޔަ އަހަރުތަކުގައި ޓީސީ އަށް ކުޅުނު މުހިންމު ކުޅުންތެރިންތަކެއް ވަނީ އެ ޓީމު ދޫކޮށް އެހެން ކްލަބްތަކަށް ގޮސްފައެވެ. އޭގެ ތެރޭގައި އިބްރާޙިމް މަހުދީ އާއި އިބްރާޙިމް ވަހީދު ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ފެށިއިރު ނިއު ރޭޑިއަންޓަށް ކުޅުނު އިމްރާން އާއިއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން ސީޒަނުގެ ވަކި ހިސާބަކުން ވަބީ އުވާލާފައެވެ. އެ ކޮންޓްރެކްޓް އުވާލީ މުސާރައިގެ މައްސަލަ ޖެހި އިމްރާން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހެދުމުންނެވެ.

އުމުރުން 37 އަހަރުގެ އިމްރާން ކުރިން ބުނެފައިވަނީ 40 އަހަރު ވަންދެން ފުރަތަމަ ޑިވިޝަނުގައި ކުޅުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

މީގެ އިތުރުން ކުރިން ޓީސީ އަށް ކޯޗުކޮށްދިން މުހައްމަދު ނިޒާމްގެ ބަދަލުގައި ކުރިއަށް އޮތް ސީޒަނުގައި ޓީސީ އަށް އިރުޝާދު ދޭނީ މުހައްމަދު އާތިފް އެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅެވޭ ޗެރިޓީ މެޗް ދެ ލެގަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ލެގު ކުޅެން ރާވާފައިވަނީ އަންނަ ޖޫން މަހުގެ 7 ވަނަ ދުވަހު ފޯކައިދޫ ގައެވެ. އަދި ދެވަނަ ލެގް އޮންނާނީ ޖޫން މަހުގެ 10 ވަނަ ދުވަހު މާލޭ ގަ އެވެ.

ސީޒަން ހުޅުވާ މެޗްގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނައަޕް ފޯކައިދޫ ފުޓްބޯޅަ ކްލަބެވެ. ފޯކައިދޫ އަށް މި މެޗްގެ ދައުވަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓަށް ލިބުނު ފުރުސަތު އެ ޓީމުން ދޫކޮށްލުމުންނެވެ. މެޗުގެ ފުރުސަތު ތިމަރަފުށިން ދޫކޮށްލީ ދަނޑު ތައްޔާރުނުވާތީ އާއި ޓީމު ވެސް އެކުލެވިފައިނުވާތީ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.

Copyright © 2024 Maldives Football