× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ކުއީން ވަހީދު އާއި ހަސަން މަނިކު ބައްސާމް އާއި ބައްދަލުކޮށްފި

26 މޭ 2019

މާލެ، ދިވެހިރާއްޖެ - ނިއު ރޭޑިއަންޓަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މަޝްވަރާ ކުރުމަށް ނިއު ރޭޑިއަންޓްގެ ބާނީ ކުއީން ވަހީދު އަދި އެ ކްލަބުގެ ކުރީގެ ޗެއާމަން ހަސަން މަނިކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މިއަދު ބައްދަލުކޮށްފި އެވެ.

މޯލްޑިވްސްފުޓްބޯލް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމަކީ ނިއު ރޭޑިއަންޓަށް މިހާރު ކުރިމަތިވެފައިވާ މައްސަަތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. ނަމަވެސް ރަސްމީ ސިފައެއްގައި މި ބައްދަލުވުމުގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމް އިން ވަނީ ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފަ އެވެ. ދިވެހި 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާގެ މައްސަލަތަކެއް ކުޅުންތެރިން އެފްއޭއެމް އަށް ހުށައެޅުމުން އެފްއޭއެމްގެ ޕްލޭޔަރސް ސްޓޭޓަސް ކޮމިޓީން އެ މައްސަލަތައް ބެލުމަށްފަހު ކްލަބަށް މުހުލަތުތަކެއްވަނީ ދީފައެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައުމުން އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް އެ ކްލަބް ވަނީ ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރުން މި މަހުގެ 24 ވަނަ ދުވަހު ފީފާ އިން ވަނީ ކުރިއަށް އޮތް ތިން ޓްރާންސްފާ ބާޒާރުގައި ވެސް އެ ޓީމަށް އެއްވެސް ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އެ ކްލަބަށް އިތުރު ސަސްޕެންޝަނެއް ދީފަ އެވެ. ފީފާ އިން މި އަދަބު ނިއު އަށް ދީފައިވަނީ މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު އަފްޣާނިސްތާނުގެ ކުރީގެ ކެޕްޓަން ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ އޭނާ އެ މައްސަލަ ފީފާ އަށް ހުށައެޅުމުންނެވެ.

މުސާރައިގެ ގޮތުގައި އޭނާއަށް ދޭން ޖެހޭ 13،250 ޑޮލަރު އަދި ގަވާއިދާ ހިލާފަށް ކޮންޓްރެކްޓް ބާތިލްކޮށްފައިވާތީވެ 30،130 ޑޮލަރުގެ އިތުރުން %5 އިންޓަރެސްޓް ދިނުމަށް ފީފާއިންވަނީ ނިއު އަށް އަންގާފައެވެ. މީގެ އިތުރުން ފީފާ އިން ވަނީ މިދިޔަ ސީޒަނުގައި ނިއު އަށް ކޯޗުކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒްގެ މުސާރަ ދޭން ވެސް އެ ކްލަބަށް އަންގާފައެވެ. އެއީ މުސާރައިގެ ގޮތުގައި ޓަވަރޭޒަށް ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު އާއި ނިއު އިން ހަދާފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު އަދި ފީފާ އަށް ދޭން ޖެހޭ 7961 އެމެރިކާ ޑޮލަރު އެވެ.

Copyright © 2024 Maldives Football