× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

މާޒިޔާގެ ގޯލު ބަލަހައްޓަން އަފްޣާނިސްތާން ގައުމީ ޓީމުގެ ކީޕަރު

24 މޭ 2019

މާލެ، ދިވެހިރާއްޖެ - ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި މާޒިޔާގެ ގޯލު ބެލެހެއްޓުމަށް އަފްޣާނިސްތާނުގެ ގައުމީ ޓީމުގެ ކީޕަރު އޮވޭސް އަޒީޒީ ގެނެސްފި އެވެ.

ޑެންމާކްގެ އެކި ޑިވިޝަންތަކުގައި ކުޅެފައިވާ އުމުރުން 27 އަހަރުގެ އަޒީޒީ މާޒިޔާ އަށް ގެނައިއިރު އެ ޓީމުގައި މިހާރުވެސް ޒުވާން ދެ ކީޕަރުން އެބަތިއްބެވެ. ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ ޓީމަކީ މާޒިޔާ އެވެ. އެ ކްލަބުގައި މައުލޫމާތު ދޭ ގޮތުގައި ސީޒަން ފެށުމުގެ ކުރިން އިތުރު ބިދޭސީ ދެ ކުޅުންތެރިން ޓީމާއި ގުޅޭނެ އެވެ.

އަފްގާނިސްތާން ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް އަޒިޒީ މެޗެއް ކުޅެދީފައިވަނީ 2015 ވަނަ އަހަރު އެވެ. އެއީ ތައިލެންޑް އަތުން 2-0 އިން ބަލިވި މެޗުގަ އެވެ. އަދި އޭގެ ފަހުން ހަމަ އެއަހަރު އިންޑިޔާގައި އޮތް ސާފް ސުޒުކީ ކަޕްގެ އިތުރުން ވޯލްޑް ކަޕް ކޮމިފައިން އާއި އޭޝިއަން ކަޕް ކޮލިފައިންގައި އަފްޣާނިސްތާނަށް ކުޅެފައެވެ. އޭނާ އަށް ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ދީފައިވަނީ ރާއްޖޭގެ މިހާރުގެ ގައުމީ ކޯޗް ޕީޓަރ ސެގަޓް އެވެ.

މީގެ ކުރިން މާޒިޔާގެ ގޯލު ބަލަހައްޓާފައިވާ ބިދޭސީ ކީޕަރުގެ ތެރޭގައި ކިރިގިސްތާނުގެ ޕަވެލް މަޓިއަޝް އާއި ސީރިޔާގެ ގައުމީ ޓީމަށް ކުޅުނު މަހުމޫދް އަލްޔޫސުފް ހިމެނެއެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗުގެ ފުރަތަމަ ލެގު ކުޅެން ރާވާފައިވަނީ އަންނަ ޖޫން މަހުގެ 7 ވަނަ ދުވަހު ފޯކައިދޫ ގައެވެ. އަދި ދެވަނަ ލެގް އޮންނާނީ ޖޫން މަހުގެ 10 ވަނަ ދުވަހު މާލޭ ގަ އެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

Copyright © 2024 Maldives Football