× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ނިއު ރޭޑިއަންޓުން ނިޒާމްބެ އާއި ވާހަކަ ދައްކަން ފަށައިފި

22 މޭ 2019

މާލެ، ދިވެހިރާއްޖެ - ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައިވަނިކޮށް އެ ކްލަބްގެ ސަޕޯޓަރުންތަކެއް އިސްވެ ކްލަބް ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޓީމުގެ ކޯޗަކަށް ކުރިން ޓީސީ އަށް ކޯޗް ކޮށްދިން މުހައްމަދު ނިޒާމް އާއި ވާހަކަ ދައްކަން ފަށައިފި އެވެ.

މޯލްޑިވްސްފުޓްބޯލް އަށް ވާހަކަ ދައްކަމުން މިރޭ ނިޒާމް ބުނީ ނިއުއާއި އެކު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި އަދި ފައިނަލް ގޮތެއް ނުނިންމާ ކަމަށެވެ.

"ނިއުގެ ފަރާތުން މިކަމުގައި އުޅޭ ޓީމުގެ ހުށައެޅުންތައް ރަގަޅު ނަމަވެސް އަހަރެން އޮޅުން ފިލުވަން ބޭނުންވާ ކަންތައްތަކެއް ހުރީމަ އެކަން ފާހަގަ ކުރިން އަދި އެ މަޝްވަރާތައް އެބަ ކުރިއަށްދޭ. ނަމަވެސް އަދި ފައިނަލް ގޮތެއް ނުނިންމަން." މޯލްޑިވްސް ފުޓްބޯލް އެވޯޑްސް 2018 ގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު ނިޒާމް ބުންޏެވެ.

ނިއުގެ ކޯޗަކަށް ނިޒާމް ހަމަޖެއްސުމުގެ މަޝްވަރާތައް ފަށާފައިވާއިރު އެކްލަބްގެ ޗެއާމަން ކާނަލް މުހައްމަދު ޒިޔާދު ވަނީ ރޭގެ ވަގުތެއްގައި އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބްގެ ޗެއާމަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ސިޓީގައި ޒިޔާދު ވިދާޅުވެފައިވަނީ މި ދަނޑިވަޅުގައި ކްލަބުގެ ޗެއާމަންކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކެއް ތިބި ކަމަށް ފެނުން ކަމަށާއި އެހެންކަމުން، މިއީ ކްލަބް އަލުން ނެގުމަށް ސަޕޯޓަރުންތަކެއް އިސްވެ ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އޭނާ ނިންމެވި ނިންމެވުމެއް ކަމަށެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވާދަ ކުރުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް ގެއްލުނީ ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުންނެވެ. ދިވެހި 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާގެ މައްސަލަތަކެއް ކުޅުންތެރިން އެފްއޭއެމް އަށް ހުށައެޅުމުން އެފްއޭއެމްގެ ޕްލޭޔަރސް ސްޓޭޓަސް ކޮމިޓީން އެ މައްސަލަތައް ބެލުމަށްފަހު ކްލަބަށް މުހުލަތުތަކެއްވަނީ ދީފައެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައުމުން އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް އެ ކްލަބް ވަނީ ސަސްޕެންޑްކޮށްފައެވެ.

އަދި މިދިޔަ މާޗް މަހު އޮތް އެފްއޭއެމްގެ ކޮންގްރެސް އިންވަނީ ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ދެމެހެއްޓުމަށް ފާސްކޮށްފަ އެވެ. ވޯޓްގައި ބައިވެރިވި 14 ކްލަބްގެ ތެރެއިން 12 ކްލަބުން ވޯޓުދިނީ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ނިއު ރޭޑިއަންޓާއި އެއްކޮޅަށް ވޯޓް ދިނީ ވިކްޓަރީ އާއި މަހިބަދޫ އެވެ.

Copyright © 2024 Maldives Football